އުފާވެރި ދިރިއުޅުން މެނިފެސްޓޯ: ހައްޖާއި އުމްރާގެ އަގު ކޮންޓްރޯލް ކުރާނެ

އުމްރާއަށް ދާ ބަޔަކު އެއާޕޯޓްގައި --- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މެނިފެސްޓޯގައި ހައްޖާއި އުމްރާގެ އަގު ކޮންޓްރޯލް ކުރުމަށް ހިމަނައިފިއެވެ.

ރައީސް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ މެނިފެސްޓޯގައި ހިމެނޭ "އުފާވެރި ދިރިއުޅުން" ސިޔާސަތު އިފްތިތާޙް ކޮށްދެއްވާފައެވެ.

ސިޔާސަތުގެ ދަށުން ހިމެނޭ "ރިވެތި އިސްލާމީ ދިރިއުޅުން" އެބައިގެ ދަށުން، ހައްޖާއި އުމްރާގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން، އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި ދޭނެ ކަމަށް ބުނެފައިވެއެވެ.

މެނިފެސްޓޯގައި ވާ ގޮތުގައި، ފިގުހު އެކަޑަމީއެއް ގާއިމުކޮށް، އިސްލާމީ ސައްހަ އަގީދާއާ ގުޅޭ މައުލޫމާތު މުޅި ރާއްޖޭގައި ފަތުރާ، ދީނީ އިލްމުވެރިން ބިނާކޮށް، ވަކިން ހާއްސަކޮށް އަންހެން އަދި ޒުވާން ދީނީ އިލްމުވެރިން ކުރިއަށް ނެރެދީ، އިލްމުވެރިންގެ މަހާސިންތާތައް ބާއްވާ އިލްމީ ދިރާސާތައްކޮށް، އެކި އުމުރުފުރާއަށް މަގުބޫލުގޮތަށް ދީނީ އިލްމު އުނގަންނައިދިނުމުގެ ނިޒާމެއް ގާއިމުކުރަން ވަނީ ނިންމާފައެވެ.

މީގެއިތުރުން، ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، އިސްލާމީ ސައްހަ އަގީދާއާ ގުޅޭ މައުލޫމާތު ރާއްޖޭގެ ހުރިހާ ރަށެއްގައި ދިނުމަށް ހިމަނާފައިވެއެވެ.

އިމާމުންގެ ޕްރޮފެޝަނަލް އޮނިގަނޑެއް އެކުލަވާލައި ސީނިއާ އިމާމުން ތައާރަފުކޮށް، އިމާމުންގެ ދައުރު މުޖުތަމައުގައި ފުޅާކުރުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

އިސްލާމް ދީނަށް ތުއްތު ކުދީން ފަރިތަކުރުމުގެ ގޮތުން، ކުދިންނާ ރަހްމަތްތެރިކޮށް އިސްލާމް މާއްދާގައި ކިޔަވައިދޭ ބައިތަކާއި، ކިޔަވައިދޭ ގޮތްތަކާއި، ކިޔަވައިދޭން ބޭނުންކުރާ އުކުޅުތައް މުރާޖާކޮށް، ޓީޗަރުންގެ ތަމްރީނުގައި މިބައިތައް ހިމެނުމަށާއި، އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލް ނިޒާމުގެ ތެރެއިން އު ފުރުސަތު ހޯދައިދިނުމަށް ވެސް މެނިފެސްޓޯގައި ވެއެވެ.

comment ކޮމެންޓް