ރައީސް އެއްބުރުން ހޮވުމުގައި މީދޫ ދާއިރާ ލާމަސީލުވާނެ: ސިޔާމް

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު މިއަދު ދ. މީދޫގައި -- ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދައިދިނުމުގައި ދ. މީދޫ ދާއިރާގެ ރައްޔިތުން ލާމަސީލު މިސާލެއް ދައްކާނެކަމާ މެދު ފުރިހަމަ ޔަގީންކަން އޮންނަވާކަމަށް މި ދާއިރާގެ މެންބަރު އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރަނިންމޭޓަކާ އެކު ރައީސް ކުރައްވާ އެންމެ ފުުރަތަމަ ކެމްޕޭން ދަތުރުފުޅު ފައްޓަވައިފައިވަނީ ދ. އަތޮޅުންނެވެ. އެންމެ ފުރަތަމަ ކޯލިޝަންގެ ލީޑަރުންނާ އެކު ރައީސް ވަޑައިގަތީ މި އަތޮޅު މީދޫއަށެވެ.

މި ރަށުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން މި ދާއިރަގެ މެންބަރު ސިޔާމް ވިދާޅުވީ ރައީސަށް މީދޫން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮންނަވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރައީސް އަރިހުގައި ދަތުރުފުޅުކުރެއްވި 45 ރަށުން ވެސް ފެނިވަޑައިގަތީ ރައީސް އެއްބުރުން ހޮވުމަށްޓަކައި ރައްޔިތުން އަތުގުޅައިލައިގެން ތިބި މަންޒަރު ކަމަށެވެ.

މި ވެރިކަމުގައި މީދޫއަށް ގެނެވުނު ތަރައްގީއާ އެކު މި ރަށުން ވެސް އެ ފަދަ ބޮޑު ތާއީދެއް ލިބޭނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އެ ހުރިހާ ރަށަކުން ވެސް އަޅުގަނޑަށް ފެންނަނީ ވަަރަށް ރަނގަޅު އުޖާލާ މަންޒަރުތަކެއް. ހުރިހާ ރައްޔިތުން ވެސް ތިބީ އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ހަމަ އެއްބުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހޮވައިދިނުމަށް. މި ގޮތަށް އަޅުގަނޑު ހަމަ ޔަގީންކުރަން ފދ. އަތޮޅަކީ އަދި މީދޫ ދާއިރާއަކީ ލާމަސީލު ބަޔަކަށް ވާނެކަމަށް،" ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީދޫއަށް މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަަމަށެވެ. އެ ކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރޯހައުސް ޕްރޮޖެކްޓެއް ހިންގަވައިދެއްވުމަށް ސިޔާމް އެދިވަޑައިގަތެވެ.

މީގެ އިތުރުން ރަށުގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނެސްދިނުމުގެ ގޮތުން ރަށުގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްދިނުމަށް އެދިވަޑައިގަތެވެ. އަދި، ރަށުގައި ބީއެމްއެލް ބްރާންޗެއް ގާއިމްކޮށްދިނުމަށް ސިޔާމް އެދިވަޑައިގަތެވެ.

comment ކޮމެންޓް