އެންމެ އުފާވަނީ ނާޒިމް ފަދަ ސިޔާސީ ފަހުލަވާނަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން: އަދީލް

ނާޒިމްގެ ރަނިން މޭޓު އިއުލާން ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: އެމްއެންޕީ

އެންމެ އުފާ ވަނީ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ފަދަ "ސިޔާސީ ފަހުލަވާނަކާއެކު" މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ކަމަށް ނާޒިމްގެ ރަނިންމޭޓު ޑރ. އަހުމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ.

ނާޒިމްގެ ރަނިން މޭޓު އިއުލާން ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. އަދީލް ވިދާޅުވީ، ރާއްޖޭ ގެ ހާލަތު ބަދަލު ކުރުމަށް އިސް ސަފުގައި މަސައްކަތް ކުރެއްވުމަަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށާއި، އެންމެ އުފާ ވަނީ ނާޒިމް ފަދަ ބޭފުޅަކާއެކު އެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ކަމަށެވެ.

އަދީލް ވިދާޅުވީ ރާއްޖޭގައި މީގެކުރިން އެކި ބޭފުޅުން ވެރިކަން ކުރައްވާފައި ވާ ކަމަށާއި، ނަމަވެސް މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މި ވަނީ ހަތަރު އަނގޮޅިއެއްގެ މެދަށް ކަމަށެވެ.

މުޖުތަމައުގައި ހިތާމަވެރި ކަންބޮޑުވާ މަންޒަރުތައް ފެންނަލެއް ގިނަ ވެއްޖެ ކަމަށާއި، ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހާސް ކަމާއި ކަންބޮޑުވުން ކަން ފާހަގަކުރެއްވިއެވެ. ޒުވާނުން މަގުމަތިވެފައިވާ ކަމަށާއި، އެފަދަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ގެއްލިފައި ވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ނާޒިމްގެ ރަނިން މޭޓު އިއުލާން ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: އެމްއެންޕީ

ޑރ. އަދީލް ވަނީ އެފަދަ ހުރިހާ މައްސަލަތަކަށް ހައްލު ގެނައުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

އަޅުގަނޑު މި ހުރީ އަޅުގަނޑުގެ ކައްޓަށް ލެވުނުހާ ބާރެއް ލައިގެން ތިޔަ އެންމެން ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު އެމްއެންޕީއަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ވެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް މި ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމުގެ އަޒުމުގައިޑރ. އަހުމަދު އަދީލް ނަސީރު

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖެއަށް އަދަށް ވުރެ ފަހި މާދަމާއެއް ހޯދައި ދިނުމަށް އެމްއެންޕީން ކުރަމުންދާ މަސައްކަތުގައި، އެމަނިކުފާނާއެކު އިންތިޚާބުގައި ވާދަކުރުމަށް ނިންމެވީ ޑރ. އަދީލަކީ ފަސްބައިގައި ކިލަނބު ކަމެއް ނެތް ގައުމު އިސްކޮށް މަސައްކަތްކުރައްވާނެ ބޭފުޅެއް ކަމުގައިވާތީ ކަމަށެވެ.

ރާއްޖޭގައި ހުރި ބޮޑެތި މަައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ފަދަ އިލްމީ، ޒުވާން ބޭފުޅަކަށް އިސްކަން ދެއްވަން މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީ އިޖުތިމާއީ ފޭރާން ހަލާކުވެ، އަޅުގަނޑުމެންގެ އަތްމަތީން ތަރައްގީ ބީވެގެން ގޮސްފައި ވުމެވެ. އަދި ސަރުކާރުގެ މަތީ މަގާމުތަކުގައި ތައުލީމީ ގާބިލް ބޭފުޅުން ނެތުން ވެސް އެ މައްސަލަތަކުގެ ތެރޭގައި ހިމެނޭކަން ފާހަގަ ކުރެއްވިއެވެ.

ނާޒިމްގެ ރަނިން މޭޓު އިއުލާން ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: އެމްއެންޕީ

ނާޒިމް ވިދާޅުވީ ޑރ. އަދީލަކީ ތައުލީމީ ދާއިރާގައި 25 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، ރަނިން މޭޓުގެ ގޮތުގައި އަދީލް އިޚްތިޔާރު ކުރެއްވީ އެ ހުރިހާ ކަމަކަށް ވެސް ބެއްލެވުމަށް ފަހު ކަމަށެވެ.

އައްޑުއަށް ނިސްބަތްވާ ޑރ. އަދީލް ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާފައެވެ.

ސްކޫލު މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ހައްދަވައި އޭނާ ވަނީ ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމް ފުރުއްވާފައެވެ. އެ ދާއިރާއިން ބުރޫނާއީ އިން ޕީއެޗްޑީ ހާސިލް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަޝިޕެއްގައެވެ.

comment ކޮމެންޓް