ޕާޓޭ ޔުވެންޓަސްއާ ގުޅުމަށް އެއްބަސްވެ، މަޝްވަރާތައް ފަށައިފި

އާސެނަލްގެ ގާނާ މިޑްފީލްޑަރު ތޯމަސް ޕާޓޭ -- ފޮޓޯ/ ގެޓީ

އާސެނަލްގެ ގާނާ މިޑްފީލްޑަރު ތޯމަސް ޕާޓޭ ޔުވެންޓަސްއާ ގުޅުމަށް އެއްބަސްވުމާއެކު، ދެ ކްލަބުން މަޝްވަރާތައް ފަށައިފިއެވެ.

މީގެ ކުރިން ޚަބަރުތައް ބުނެފައިވާ ގޮތުގައި ސައުދީ އަރަބިއާއިން ވެސް ޕާޓޭއަށް ހުށަހެޅުމެއް ލިބުނެވެ. ނަމަވެސް އޭނާ އެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

'ސްކައި ސްޕޯޓްސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ޔުވެންޓަސްއާ ގުޅުމަށް ޕާޓޭ އެއްބަސްވެ، މިހާރު އާސެނަލާއެކު ވަނީ މަޝްވަރާތައް ފަށައިފައެވެ. އޭގެ ކުރިން ޔުވެންޓަސްއިން ކުޅުންތެރިންތަކެއް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޕާޓޭގެ އިތުރުން ކުރިއަށްއޮތް ސީޒަނަށް އެ ކްލަބުން އަންނަނީ ޗެލްސީގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ. އެ ޓްރާންސްފާ ކުރުމަށް މަސައްކަތްކުރަނީ ލުކާކޫގެ ބަދަލުގައި ޗެލްސީއަށް ޔުވެންޓަސްގެ ސާބިއާ ފޯވަޑް ޑުސާން ވްލަހޮވިޗް ދިނުމަށްފަހުއެވެ.

ކުރިއަށްއޮތް ސީޒަނަށް ޔުވެންޓަސް އިން ވަނީ ލިލްއަށް ކުޅެމުންދިޔަ އެމެރިކާ ފޯވަޑް ޓިމޮތީ ވެއާ ވެސް ގެނެސްފައެވެ. އޭނާ އެ ކްލަބާ ގުޅިފައިވަނީ 10.3 މިލިއަން ޕައުންޑް (13 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.

comment ކޮމެންޓް