ނާސާއިން ސްޓްރީމިން ސާވިސް އެއް ނެރެނީ

އެމެރިކާގެ ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)ގެ އަމިއްލަ ސްޓްރީމިން ސާވިސް އެއް ތައާރަފުކުރުމަށް ތައްޔާރުވެއްޖެއެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު މަސައްކަތް ކުރަމުން ގެންދަނީ ނާސާގެ ސްޓްރީމިން ޕްލެޓްފޯމް "ނާސާ ޕްލަސް" މި އަހަރުގެ ތެރޭގައި ރިލީޒް ކުރުމަށެވެ. އަދި މި ޕްލެޓްފޯމް އެންޑްރޮއިޑް އަދި އައިއޯއެސް އަށް ލިބޭނެ ކަމަށް ނާސާއިން ބުނެއެވެ.

މި ޕްލެޓްފޯމަކީ އިތުރު ފީއެއް ދައްކަން ޖެހޭނެ ޕްލެޓްފޯމެއް ނޫން ކަމަށާއި އެއްވެސް އިޝްތިހާރެއް އޭގެ ތެރެއިން ނުފެންނާނެ ކަމަށް ނާސާއިން ވަނީ ބުނެފައެވެ.

މި ސްޓްރީމިން ސާވިސްގެ ބޭނުމަކީ ނާސާގެ ލައިވް އިވެންޓްތައް ދެއްކުމާއި ރިކޯޑުކޮށްފައިވާ ވީޑިއޯތައް އާކައިވް ކޮށް ބަލާލެވޭނެ ތަނަކަށް ހެދުމެވެ. އަދި މީގެ އިތުރުން އޮރިޖިނަލް ވީޑިއޯ ސީރީޒްތައް ހެދުމަކީ ވެސް ނާސާގެ އަމާޒެކެވެ.

ނާސާގެ އުއްމީދަކީ ދުނިޔެއާއި ދުނިޔޭގެ ބޭރުގެ ކަންތައްތައް އެއް ތަނަކުން ބަލައިލެވޭ އެންމެ ބޮޑު ޕްލެޓްފޯމަށް ނާސާ ޕްލަސް ހެދުމެވެ. އަދި މި ޕްލެޓްފޯމަކީ ގިނަ ބަޔަކަށް މައުލޫމާތު ލިބޭނެ ތަނަކަށް ހެދުމަށް ސައިންޓިސްޓުންނާއި އިތުރު އެތައް ބަޔަކު މަސައްކަތް ކުރާނެ ކަމަށް ވެސް ނާސާއިން ބުނެއެވެ. ނާސާއިން ގަބޫލުކުރާ ގޮތުގައި އެއްތަނަކުން ނާސާގެ ހުރިހާ މަސައްކަތެއް ފެންނަން ހުރުމުން އެތައް ބަޔަކަށް ޖައްވީ މައުލޫމާތު ހޯދައި ދާއިރާއަށް ވަންނަން އިތުރަށް ޝައުގުވެރިކަން އުފެދޭނެ ކަމުގައެވެ.

ނާސާއިން މި ޕްލެޓްފޯމް ތައާރަފުކުރަނީ އެ އިދާރާގެ މަސައްކަތްތައް އިތުރަށް ޒަމާނީ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިންނެވެ. އޭގެތެރޭގައި ނާސާގެ ވެބްސައިޓް އާއި އެޕްލިކޭޝަންގެ ޑިޒައިންތައް ވެސް އެއްކޮށް ބަދަލުކޮށް ޒަމާނީ ފެންވަރަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނާސާއިން ބުނެއެވެ.

comment ކޮމެންޓް