މާވެލްގެ އެންމެ މަގުބޫލު ފްރެންޗައިޒް ކަމަށްވާ "ސްޕައިޑާމޭން"ގެ ހަތަރުވަނަ ބައި ރިލީޒް ކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.
ޓޮމް ހޮލެންޑް ލީޑުން ފެންނަ ސްޕައިޑާމޭން ފްރެންޗައިޒްގެ ހަތަރު ވަނަ ބަޔަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. ފިލްމުގެ ޕްރޮޑަކްޝަން ކުންފުނި ސޮނީ އިން ދާދި ފަހުން އާންމުކޮށްފައިވާ ގޮތުގައި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ސޮނީ އިން ބުނެފައިވަނީ އަންނަ އަހަރުގެ ޖުލައި 31ގައި ފިލްމު ޕްރިމިއާ ކުރާނެ ކަމަށެވެ. އަދި އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު އަޅުވާނެ ކަމަށްވެސް ސޮނީ އިން ވަނީ އާންމުކޮށްފައެވެ.
މިއީ ސްޕައިޑާމޭން ފިލްމު ރިލީޒް ކުރުން ފަސްކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފިލްމު އެޅުވުމަށް ހަމަޖެހިފައި އޮތީ މިއަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް އެއަށްފަހު ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 21ގައެވެ. އެންމެފަހުން ފިލްމު އަނެއްކާވެސް ޑިލޭ ކޮށްފައިވަނީ ފިލްމު ރިލީޒް ކުރުމަށް ބުނެފައިވާ އެންމެ ފަހުގެ ތާރީހަށްވުރެ ހަފުތާއެއް ފަހަށެވެ.
ޓޮމް ހޮލެންޑްގެ އިތުރުން ޒެންޑެޔާ މުހިއްމު ރޯލުން ފެންނަ މި ފިލްމުގެ އިތުރު ދެމީހުން އެކީގައި އިތުރު ޕްރޮޖެކްޓެއްގައި ވެސް އަންނަނީ މިވަގުތު މަސައްކަތް ކުރަމުންނެވެ. އެގޮތުން ދެމީހުން އެކިގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "އޮޑެސީ"ގައެވެ. މި ފިލްމުގައި ދެމީހުން ވެސް މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ. މި ފިލްމަކީ ގްރީކް މިތޯލޮޖީއަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ.