ޑިޑީގެ ވަކީލު އޭނާ ދޫކޮށްލައިފި

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޝޯން ލަވް ކޯމްބްސް ނުވަތަ ސްޓޭޖް ނަމުން ނަމަ "ޑިޑީ"އާ ދެކޮޅަށް ކުރާ ގިނަ ތުހުމަތުތަކުގެ މައްސަލައިގައި އޭނާ ތަމްސީލު ކުރަމުން ދިޔަ ވަކީލަކު އޭނާ ދޫކޮށްލުމަށް ހުށަހަޅައިފިއެވެ.

އިންސާނީ ވަގުފާރިއާއި ރޭޕް އަދި އެ ނޫން ވެސް ސީރިއަސް އެކި ކަހަލަ ތުހުމަތުތަކެއްގެ ވާހަކަ ޑިޑީއާ ދެކޮޅަށް ދެކެވެން ފެށީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އެއަށް ފަހު އެ މައްސަލަތަކާ ގުޅިގެން ތަހުގީގުކުރުމަށްޓަކައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މާޗު ފަހުކޮޅުގައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވެސް އިތުރު ތުހުމަތުތަކެއް ވަނީ އޭނާއާ ދެކޮޅަށް ކޮށްފައެވެ. އޭގެ ތެރޭގައި އެކި މީހުންނަށް ގަދަކަމުން މަސްތުވާތަކެތި ދިނުމާއި ރޭޕް އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށް އެހެން މީހުންނަށް މަގުފަހިކޮށްދިނުން ފަދަ ބޮޑެތި މައްސަލަތައް ހިމެނެއެވެ.

މި މައްސަލަތަކުގައި ޑިޑީ ތަމްސީލު ކުރަމުންދިޔަ އެކަކީ އެންތަނީ ރިކޯ އެވެ. ޑިޑީގެ ވަކީލެއްގެ ހައިސިއްޔަރުން ދުރުވުމަށް އެދި އެންތަނީ ވަނީ އިއްޔެ ހުށަހަޅާފައެވެ.

ޑިޑީ ތަމްސީލު ކުރުން ދޫކޮށްލުމުގެ ފަހަތުގައިވާ ސަބަބެއް އެންތަނީ ހާމަކޮށްފައެއް ނުވެއެވެ. އެއާ ގުޅިގެން އޭނާ ބުނެފައިވަނީ ޑިޑީ ތަމްސީލު ކުރުން ދޫކޮށްލުމަށް މިވަގުތު ނިންމާފައިވަނީ ހާލަތުގެ ގޮތުން ކަމަށެވެ. ނަމަވެސް އެކަމެއް އިތުރަށް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ބައެއް މީހުން ބުނާގޮތުގައި މިއީ ޑިޑީ އާ ދެކޮޅަށް ކުރާ ތުހުމަތުކަކީ ތެދު ތުހުމަތުތަކަށް ވެދާނެ ކަމުގެ އިތުރު ހެއްކެކެވެ.

ތަފާތު އެކި މައްސަލަތައް އެއްވެ, މިހާރު ވެސް ޑިޑީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު 40 އާ ގާތް ކުރެއެވެ.

ޑިޑީއާ ދެކޮޅަށް ފެންމަތިވަމުންދާ އެކި މައްސަލަތަކުގައި ހޮލީވުޑްގެ ބޮޑެތި ތަރީންނާއި ދުނިޔޭގެ މަހުޖަނުން ބައިވެރިވާ ކަމަށް ތަފާތު އެކި ވާހަކަތައް ދެކެވެއެވެ. މި ހުރިހާ ވާހަކައެއް ތަހުގީގުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އޭނާ ހުރީ ނިއުޔޯކްގެ ބްރުކްލިންގައި ހުންނަ މެޓްރޯޕޮލިޓަން ޑިޓެންޝަން ސެންޓަރުގައެވެ. އަދި, ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި އެތައް ފަހަރެއްގެ މަތީން ޑިޑީގެ ވަކީލުންގެ ޓީމުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އެންމެ ފަހުން ހުށަހެޅި ހުށަހެޅުން ވެސް ވަނީ ކޯޓުން ބާތިލުކޮށްފައެވެ.

comment ކޮމެންޓް