އުމުރުން 45 އަހަރުގައި ބުފޮން ރިޓަޔާކޮށްފި

އިޓަލީ ލެޖެންޑް ޖިއާންލުއިޖީ ބޮފޮން، ވޯލްޑް ކަޕްގެ ތައްޓާއެކު -- ފޮޓޯ/ ގެޓީ

އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން، އުމުރުން 45 އަހަރުގައި ރިޓަޔާކޮށްފިއެވެ.

ބުފޮންގެ 28 އަހަރުގެ ކެރިއަރަށްފަހު، އޭނާ ފުޓުބޯޅައިން ރިޓަޔާކުރިކަން އިއުލާންކުރީ ސޯޝަލް މީޑިއާގައި މެދުވެރިކޮށެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރުންގެ ގޮތުގައި ފާހަގަކޮށްލެވުނު ބުފޮން ތަމްރީނު ވެގެން އައީ ޕާމާގެ ޔޫތު ސިސްޓަމުގެ ތެރެއިންނެވެ. ޕާމާގެ ސީނިއާ ޓީމާއެކު 1995 އިން ފެށިގެން އިޓާލިއަން ސެރީއާގައި ކުޅުމަށްފަހު، 2001 ވަނަ އަހަރު ބުފޮން ގުޅުނީ ޔުވެންޓަސްއާއެވެ. ޔުވެންޓަސްގައި ބުފޮން ހޭދަކުރި 17 އަހަރުގެ ތެރޭގައި އޭނާ ވަނީ ދިހަ އިޓާލިއަން ސެރީއާ، ފަސް ކޮޕާ އިޓާލިއާ، ހަ ސުޕަކޮޕާ އިޓާލިއާ ކާމިޔާބުކުރުމުގެ އިތުރުން އެ ކްލަބާއެކު ތިން ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ވެސް ވާދަކޮށްފައެވެ.

އިޓަލީ ލެޖެންޑް ޖިއާންލުއިޖީ ބޮފޮން، ޕާމާގެ ޖާޒީގައި -- ފޮޓޯ/ ގެޓީ

ޔުވެންޓަސް ދޫކޮށްލުމަށްފަހު، ބުފޮން ވަނީ 2018 ވަނަ އަހަރު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި ދުވަސްތަކެއް ހޭދަކޮށްފައެވެ. އެ ކްލަބާއެކު ވެސް އޭނާ ވަނީ ފްރާންސް ލީގެއް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އަލުން ޔުވެންޓަސްއާ ގުޅުމަށްފަހު، ބުފޮންގެ ކެރިއަރު ނިންމާލުމަށް 2021 ވަނަ އަހަރު ގުޅުނީ އޭނާ ކެރިއަރު ފެށި ޕާމާއަށެވެ. އޭނާ ކެރިއަރު ނިންމާލާފައި މިވަނީ އެ ކްލަބުގައި އިތުރު ދެ އަހަރު ހޭދަކުރުމަށްފަހުއެވެ.

ބުފޮން އަކީ އިޓަލީ ގައުމީ ޓީމުގެ ވެސް ލެޖެންޑެކެވެ. ބުފޮން ވަނީ 1997 އިން 2018 އަށް އިޓަލީ ގައުމީ ޓީމަށް 170 އަށްވުރެ ގިނަ މެޗު ކުޅެ، ވޯލްޑް ކަޕް 2006 ކާމިޔާބުކޮށްފައެވެ. އެ އަހަރުގެ ވޯލްޑް ކަޕްގައި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ވެސް ބޮފޮންއެވެ.

comment ކޮމެންޓް