އަންގްސަން ސޫކީ ޖަލުން ގެއަށް ބަދަލުކޮށް ހުކުމް ލުއިކޮށްދީފި

އަންގް ސަންގް ސޫކީ

ނެޕިޑާއޮ (02 އޮގަސްޓް 2023): ދިގުމުއްދަތަކަށް ޖަލަށްލާފައިވާ މިޔަންމާގެ ކުރީގެ ޑިމޮކްރެޓިކް ލީޑަރު އަންގް ސަން ސޫކީގެ ޖަލު ހުކުމަށް ލުޔެއްދީ އޭނާ ގޭބަންދަށް ބަދަލުކުރުމަށް އެގައުމުގައި ވެރިކަންކުރާ އަސްކަރީ ސަރުކާރުން ނިންމައިފިއެވެ.

މިޔަންމާގައި ވެރިކަންކުރާ އަސްކަރީ ޖެނެރަލުންގެ މަޖިލީހުން ބުނެފައިވަނީ 33 އަހަރަށް ޖަލަށްލާފައިވާ އަންގް ސަން ސޫކީގެ ޖަލު ހުކުމުން ހަ އަހަރު މައާފުކޮށްދީ އޭނާގެ ހުކުމް ތަންފީޒުކުރުން ޖަލުގެ ބަދަލުގައި ގެއަށް ބަދަލުކުރުމަށް އެމަޖިލީހުން ނިންމާފައިވާ ކަމުގައެވެ.

މިގޮތަށް ނިންމުމުގެ ތަންކޮޅެއް ކުރިން ސޫކީ ވަނީ ޖަލުން ގޭބަންދަށް ބަދަލުކޮށްފައެވެ. ގެއަށް ބަދަލުކުރީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެކަމަށް މަސައްކަތްކުރާތާ އަހަރެއްހާ ދުވަސްފަހުންނެވެ.

އުމުރުން 78 އަހަރުގެ ސޫކީ އަކީ މިޔަންމާގެ އަސްކަރީ ވެރިކަން ނިމުމަކަށް ގެނަސް އެގައުމުގައި ޑިމޮކްރަސީ ތައާރަފު ކުރުމަށް މަސައްކަތްކުރައްވައި އެކަން ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. ދެހާސްބާރަ ވަނައަހަރު މިޔަންމާގެ އަސްކަރީ ވެރިކަން ނިމުމަކަށް އައުމާއެކު އާންމު އިންތިޚާބެއް ބާއްވައި މިޔަންމާގައި މަދަނީ ވެރިކަމެއް ގާއިމް ކުރުމުގައި ސޫކީގެ ދައުރު ބޮޑެވެ. މިކަމަށްޓަކައި އޭނާ ޖަލުގައިވެސް އަހަރުތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ.

އަސްކަރީ ވެރިކަން ނިމުމަކަށް އައުމާއެކު އިދިކޮޅު ލީޑަރެއްގެ ގޮތުގައި 2012 އިން 2016 އަށް ސޫކީ ހުންނެވިއެވެ. އެއަށްފަހު 2016 ގައި ބޭއްވި އާންމު އިންތިޚާބު، ސޫކީގެ ޕާޓީން ކާމިޔާބު ކުރުމާގުޅިގެން 2016 އިން 2021 އަށް ސޫކީ މިޔަންމާގެ ރައީސްކަން (ސްޓޭޓް ކައުންސެލާ އޮފް މިޔަންމާ)ގެ މަގާމު އަދާކުރެއްވިއެވެ.

ނަމަވެސް 2021 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި އިންތިޚާބު އޮޅުވާލަން ސޫކީ މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށް މިޔަންމާގެ ސިފައިން ސޫކީ ވެރިކަމުން ދުރުކުރިއެވެ. މިއާއެކު ސިފައިން މުއައްސަސާ އަނެއްކާވެސް އެގައުމުގެ ވެރިކަމަށް ވެރިވެގަތެވެ. އަދި ސޫކީގެ މައްޗަށް ޝަރީއަތް ހިންގައި އޭނާގެ މައްޗަށް ފުލުފުލުން ޖަލު ހުކުމްތައް ކުރެވިގެން ދިޔައެވެ.

މިޔަންމާގެ އަސްކަރީ ވެރިޔާ ޖެނެރަލް މިން އަންގް ހައިލިން

ސިފައިން މިޔަންމާގެ ވެރިކަމަށް އަތްގަދަކުރުމާއެކު މިޔަންމާގެ އަސްކަރީ ކޯޓުތަކުގައި ސޫކީގެ މައްޗަށް 19 ދައުވާއެއް އުފުލިއެވެ. އަދި މިދައުވާތައް ސާބިތުވުމާއެކު 33 އަހަރުގެ ޖަލުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވިއެވެ. އެއަށްފަހު ދާދިފަހުން ގޭބަންދަށް ބަދަލުކުރުމާ ހަމައަށް ސޫކީ ހުންނެވީ ޖަލުގައެވެ.

ސޫކީ ވެރިކަމުން ދުރުކޮށް ސިފައިން އަނެއްކާވެސް ވެރިކަމަށް އަތްގަދަކުރުމާ ގުޅިގެން 2021 ވަނަ އަހަރު މިއަންމާގެ އާންމުން މަގުތަކަށް ނުކުމެ ސިފައިންނާ ކުރިމަތިލައި ވަރުގަދަ މުޒާހަރާތަކަކާއި އިހުތިޖާޖްތަކެއް ކުރިއެވެ. މި އިހްތިޖާޖުތަކުގައި ސޫކީއަށް ތާއީދުކުރާ މީހުން މިޔަންމާގެ އިމާރާތްތަކާއި ކާރުޚާނާތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި ފުލުހުންނަށް ހަމަލާދީ ހަރުކަށި އަމަލުތައް ހިންގިއެވެ.

ނަތީޖާއެއްގެ ގޮތުން ފުލުހުންނާއި ސިފައިން ގުޅިގެން ބާރުގެ ބޭނުންކޮށް ހަމަނުޖެހުންތައް ހިންގި މީހުންނަށް ބަޑިން ހަމަލާދީ އޭގެތެރެއިން އެތައް ބަޔަކު މަރައި މިޔަންމާގައި ބޮޑު ލޭއޮހޮރުވުމެއް ހިނގިއެވެ.

ސޫކީ، އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ޝިއާރުތައް ބޭނުންކޮށްގެން ވެރިކަމަށް ވަޑައިގަތް ނަމަވެސް އޭނާއަކީވެސް ހަރުކަށި އަދި އަނިޔާވެރި ބޭފުޅެކެވެ. ސޫކީގެ ވެރިކަމުގައި މިޔަންމާގެ ސަރުކާރުން އެގައުމުގެ ބައިމަދު ނަސްލުތަކުގެ މީހުންގެ އިންސާނީ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރައިގަތެވެ. ޚާއްސަކޮށް ރޮހިންގްޔާ މުސްލިމުންގެ ހައްގުތަކަށެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކާއި އެގައުމުގެ ބުޑިސްޓުންގެ ހާމުދުރުންނާއި ހަރުކަށި ބުޑިސްޓުން ގުޅިގެން ރޮހިންގްޔާ މުސްލިމުންގެ އެތައް ހާސްބަޔަކު މަރައި އެތައް ހާސްއަންހެނުން ރޭޕްކޮށް ރޮހިންގްޔަ މުސްލިމުންގެ ގެތަކާއި މުދަލުގައި ހުޅުޖަހައި އެމީހުން ވަޒަނުން ބޭރުކޮށްލުމުގެ ޖަރީމާތައް ހިންގީ ސޫކީގެ ވެރިކަމުގައެވެ. ސޫކީވަނީ މިއަނިޔާވެރި އަމަލުތައް ދިފާއުކުރައްވައި ސިފައިންގެ އަނިޔާވެރިކަމާ އެއްކޮޅަށް ވާހަކަ ދައްކަވައި ބަޔާންތައް ދެއްވާފައެވެ. މިއާއެކު ސޫކީގެ އަގު މުޅި ދުނިޔޭގައި ވެއްޓިގެން ދިޔައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް