މިޔަންމާ ބިންހެލުން: ސަލާމަތްވީ މީހުން ތިބީ ކާނާއާއި ފެނާއި ބޯހިޔާވަހިކަން ނުލިބި

ބިންހެލުމުގެ ސަބަބުން މިޔަންމާގެ މެންޑޭލާގައި ވެއްޓިފައިވާ އިމާރާތެއްގެ ތެރެއިން މާބަނޑު މީހަކު ސަލާމަތް ކުރަނީ. ފޮޓޯ/އޭޕީ

މިދިޔަ ހުކުރު ދުވަހު މިޔަންމާއަށް އަދި ބާރުގަދަ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގައި ކާނާއާއި ފެނާއި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ވެސް ނެތް ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެފިއެވެ.

ހުކުރު ދުވަހުގެ މެންދުރު 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެ ހާދިސާއިން ސަލާމަތްވި މީހުންނަށް އިންސާނީ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޓީމުތަކުން ބުނެއެވެ.

"ބިންހެލުމުގެ ބިރުވެރިކަން ތަހައްމަލުކޮށްފައިވާ މީހުން މިހާރު ބިރުގަންނަނީ ބިންހެލުމުގެ ފަހުގެ ލޮޅުންތަކެއް އައިސްދާނެތީ. މީހުން ނިދަނީ މަގުމަތީގައާއި ހުސްކޮށް އޮންނަ ސަރަހައްދުތަކުގައި،" މެންޑޭލާގައި ހުންނަ އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ(އައިއާރްސީ) ގެ މަސައްކަތްތެރިއަކު ބުންޏެވެ.

"ސިޓީތަކުގައި ރައްކާތެރި ތަންތަން މަދު. ބޮޑަށް އަސަރުކުރި ސަރަހައްދުތަކަށް އަވަހަށް ޓެންޓްތައް ބޭނުންވޭ. ގެދޮރަށް މާބޮޑު ގެއްލުމެއް ނުވާ މީހުންވެސް ގޭތެރޭގައި ނިދަން ބިރުގަނޭ,"

އައިއާރުސީން ބުނީ އެ ސަރަހައްދުތަކަށް ސިއްޚީ ފަރުވާ އާއި ބޯފެނާއި ކާބޯތަކެތި ވެސް އަވަހަށް ބޭނުންވާ ކަމަށެވެ.

މެންޑޭލާގެ ރައްޔިތަކު ރޮއިޓާސްއަށް ބުނީ އެކަށީގެންވާ ސާމާނާއެކު މީހުން ސަލާމަތްކުރާ ޓީމުތައް ނެތުމުން އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ އަތުން އެ ސަރަހައްދުތަކުގެ ގާތައް ނަގައިގެން ކަމަށެވެ. އަދި ބިންހެލުމަށްފަހު ލޮޅުން އައިސްދާނެތީ އެންމެވެސް ބިރުން ތިބި ކަމަށް އެމީހާއާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވެއެވެ.

މިޔަންމާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން އެ ގައުމުން މަރުވި މީހުންގެ އަދަދު 2،065 އަށް އަރާފައިވާއިރު، 3،900 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ގާތްގަޑަކަށް 270 މީހުން ވަނީ ގެއްލިފައެވެ.

އެ ހާދިސާއާ ގުޅިގެން މިޔަންމާ ސަރުކާރުން ވަނީ ހޯމަ ދުވަހުން ފެށިގެން އެއް ހަފްތާ ވަންދެން ގައުމީ ހިތާމަ ފާޅުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

ހާދިސާގެ ސަބަބުން ތައިލޭންޑުގެ ވެރި ރަށް ބެންކޮކަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، ބެންކޮކްގައި ހަދަމުން ދިޔަ އިމާރާތެއް ވެއްޓުމުގެ ސަބަބުން އަނިޔާވި މީހުން ސަލާމަތް ކުރުމާއި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

އިމާރާތް ވެއްޓުމުގެ ސަބަބުން 13 މީހަކު މަރުވެފައިވާއިރު، 74 މީހުން ވަނީ ގެއްލިފައެވެ.

ބިންހެލުމުގެ ސަބަބުން ތައިލެންޑުން މަރުވި މީހުންގެ އަދަދު 20 އަށް އަރައެވެ.

comment ކޮމެންޓް