އިމްއާން އިތުރު ގައުމީ ރެކޯޑެއް އާކޮށްފި

ރާއްޖޭގެ ފެތުންތެރިޔާ އަލީ އިމްއާން، 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު އާކުރުން -- ފޮޓޯ/ ސްވިމިން އެސޯސިއޭޝަން

ރާއްޖޭގެ ފެތުންތެރިޔާ އަލީ އިމްއާން އިތުރު ގައުމީ ރެކޯޑެއް އާކޮށްފިއެވެ.

ޖަޕާނުގެ ފުކުއޯކާގައި ކުރިއަށްދިޔަ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، އިމްއާން އާކޮށްފައިވަނީ ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ.

އިމްއާން ރެކޯޑު އާކޮށްފައިވަނީ 200 މީޓަރު ބެކްސްޓްރޯކް އިވެންޓު ދެ މިނެޓާއި 23.46 ސިކުންތުން ފުރިހަމަކޮށްގެންނެވެ. ކުރިން އެ ރެކޯޑު އޮތީ ވެސް އިމްއާން އަތުގައެވެ. އޭނާ ކުރިން އެ ރެކޯޑު ހަދާފައިވަނީ 2019 ވަނަ އަހަރު ބޭއްވި ހަތްވަނަ ފީނާ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްސްގައި ދެ މިނެޓާއި 28.17 ސިކުންތުން ރޭސް ފުރިހަަމަކޮށްގެންނެވެ.

މިފަހަރުގެ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ރާއްޖޭގެ ފެތުންތެރިން ނިންމާލާފައިވަނީ ހަ ގައުމީ ރެކޯޑެއް އާކުރުމަށްފަހުއެވެ. އޭގެ ތެރެއިން އިމްއާން ވަނީ ދެ ގައުމީ ރެކޯޑެއް އާކޮށްފައެވެ. އޭގެ އިތުރުން ރިލޭ އިވެންޓުން ގައުމީ ރެކޯޑު އާކުރި ޓީމުގައި ވެސް އޭނާ ހިމެނެއެވެ.

އެ މުބާރާތުގެ ތެރެއިން އިމްއާން ފުރަތަަމަ އާކޮށްފައިވާ ގައުމީ ރެކޯޑަކީ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭނާ އެ ރެކޯޑު ހަދާފައިވަނީ އެއް މިނެޓާއި 04.98 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން އާން ހުސައިން އެ ރެކޯޑު ހަދާފައިވަނީ 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް، އެއް މިނެޓާއި 05.77 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހަމްނާ އަހުމަދު ގައުމީ ރެކޯޑު ހެދީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް، އެއް މިނެޓާއި 18.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން އައިޝަތު ސައުޝަން އެ ރެކޯޑު ހަދާފައިވަނީ 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި އެއް މިނެޓާއި 18.58 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިރާލް އައިން ލަތީފާއި މުހައްމަދު ރިހާން ޝިހާމް މުގުރާލާފައިވަނީ އެ ދެ ފެތުންތެރިން އަތުގައި އޮތް ރެކޯޑުތަކެކެވެ. އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް، މިރާލް ރެކޯޑު އާކޮށްފައިވަނީ ތިން މިނެޓާއި 5.69 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން އޭނާ ރެކޯޑު ހަދާފައިވަނީ ތިން މިނެޓާއި 6.78 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރިހާން ރެކޯޑު އާކޮށްފައިވަނީ 200 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް، ދެ މިނެޓާއި 32.93 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ކުރިން އެ ރެކޯޑު ހަދާފައިވަނީ ދެ މިނެޓާއި 34.06 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ލޯންގް ކޯސް ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭގެ ގައުމީ ރެކޯޑު އާކުރި ޓީމުގައި ހިމެނެނީ އިމްއާނާއި ހަމްނާ އާއި ރިހާން އަދި މިރާލެވެ. ދިވެހި ޓީމުން އެ ރެކޯޑު ހެދީ ހަތަރު މިނެޓާއި 50.64 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ހަތަރު މިނެޓާއި 56.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ފަހަރުގެ ރެކޯޑު އާކުރި ޓީމުގައި ހިމެނެނީ އިމްއާންގެ އިތުރުން އައިޝަތު ސައުސަނާއި އައިޝަތު ސާޖިނާ އަދި މުބާލް އައްޒާމް އިބްރާހީމެވެ.

comment ކޮމެންޓް