ރާއްޖޭގެ ފެތުންތެރިން ގައުމީ ރެކޯޑުތަކެއް މުގުރާލައިފި

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ގައުމީ ރެކޯޑުތައް މުގުރާލި ރާއްޖޭގެ ފެތުންތެރިންގެ ތެރޭގައި ހިމެނޭ ރިހާން، ހަމްނާ، މިރާލް އަދި އިމްއާން -- ފޮޓޯ/ ސްވިމިން އެސޯސިއޭޝަން

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފެތުންތެރިން ގައުމީ ރެކޯޑުތަކެއް މުގުރާލައިފިއެވެ.

އެ މުބާރާތުގައި ވާދަކޮށް، ގައުމީ ރެކޯޑުތަކެއް މުގުރާލާފައިވާ ދިވެހި ފެތުންތެރިންގެ ތެރޭގައި ހިމެނެނީ ހަމްނާ އަހުމަދާއި މިރާލް އައިން ލަތީފާއި އިމްއާން އަލީ އަދި މުހައްމަދު ރިހާން ޝިހާމެވެ.

އިމްއާން ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު މުގުރާލާފައިވަނީ އެއް މިނެޓާއި 04.98 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން އާން ހުސައިން އެ ރެކޯޑު ހަދާފައިވަނީ 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް، އެއް މިނެޓާއި 05.77 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހަމްނާ ރެކޯޑު ހެދީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް، އެއް މިނެޓާއި 18.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން އައިޝަތު ސައުޝަން އެ ރެކޯޑު ހަދާފައިވަނީ 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި އެއް މިނެޓާއި 18.58 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިރާލާއި ރިހާން މުގުރާލާފައިވަނީ އެ ދެ ފެތުންތެރިން އަތުގައި އޮތް ރެކޯޑުތަކެކެވެ. އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް، މިރާލް ރެކޯޑު އާކޮށްފައިވަނީ ތިން މިނެޓާއި 5.69 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން އޭނާ ރެކޯޑު ހަދާފައިވަނީ ތިން މިނެޓާއި 6.78 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރިހާން ރެކޯޑު އާކޮށްފައިވަނީ 200 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް، ދެ މިނެޓާއި 32.93 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ކުރިން އެ ރެކޯޑު ހަދާފައިވަނީ ދެ މިނެޓާއި 34.06 ސިކުންތުން ރޭސް ނިންމައިގެންނެވެ.

comment ކޮމެންޓް