ޚުޠުބާ ރަނގަޅު، ރަނގަޅެއްނޫން!

ޚުޠުބާއަށް ފާޑުކިޔާ މީހުންގެތެރޭގައި ޢިލްމީގޮތުންނާއި ސިޔާސީގޮތުން ފާޑުކިޔާމީހުން ހިމެނޭ -- ފޮޓޯ / ޖަޒީރާ.އެމްވީ

ރާއްޖޭގައި ޕާޓީ ނިޒާމުގެތެރެއިން ވެރިކަން ކުރަން ފެށިފަހުން، ހުކުރު ޚުޠުބާތަކަށް ފާޑުކިޔައި އެއާމެދު ކުރެވޭ ބަހުސްތައް އިތުރުވެގެން ގޮސްފައިވެއެވެ. ޚުޠުބާއަށް ފާޑުކިޔާމީހުންގެ ދެބާވަތެއްވެއެވެ. އެއްބަޔަކީ އެމީހުން ތަބާވާ ސިޔާސީ ވިސްނުމުގެ މައްޗަށް ބުރަވެ ތިބެ ހެވެއް ނުބައެއް ބެލުމެއްނެތި ޚިޔާލު ފާޅުކުރާ މީހުންނެވެ. އަނެއްބަޔަކީ ޚުޠުބާއާމެދު ޢިލްމީ ނަޒަރުން ވިސްނައި، އޭގައި ހުންނަ އިޞްލާޙުކުރަންޖެހޭ ކަންކަމާމެދު ހެޔޮ ނިޔަތުގައި ވާހަކަ ދައްކާ މީހުންނެވެ.

ޢިލްމީ އުޞޫލު އެއްފަރާތްކޮށް އެބަޔަކު ތަބާވާ ސިޔާސީ ވިސްނުމެއްގެ މައްޗަށް ބުރަވެ ތިބެ ޚުޠުބާގެ ރަނގަޅުނުބައި ކިޔުމަކީ ކޮށްގެންވާނެކަމެއްނޫނެވެ. އެއީ ޚުޠުބާ ތައްޔާރުކުރާ ސަރުކާރުގައި ތިބި މީހުންކަމަށްވިޔަސް އަދި އެމީހުންނާ އިދިކޮޅު ޚިޔާލުގެ މީހުންކަމަށްވިޔަސްމެއެވެ. ޚުޠުބާގައި ޢިލްމީ ކުށެއް ނުވަތަ އުނިކަމެއް އޮތްކަމަށް އެކަށީގެންވާ ޙުއްޖަތާއެކު މީހަކު ފާހަގަކޮށްފިނަމަ އެކަމެއް ބަލައިގަނެ އިޞްލާޙުކުރުމުގެ ހިތްވަރު ވެރިންގެ ކިބައިގައި ހުންނަންވާނެއެވެ. އަދި އެގޮތަށް ކަންތައް ކުރުމީ ތިމާމެންގެ ހައިބަތާއި ޤަދަރު ވެއްޓި ދެރަވުން ކަމުގައި ދެކިގެންނުވާނެއެވެ.

ޚުޠުބާފަދަ ޢިލްމީ ލިޔުންތަކުން ކުށާއި އުނިކަން ފާހަގަކުރުމަކީ އެކަމުގެ އަހުލުވެރިންނަށް ކުރެވޭނެކަމެއްނަމަވެސް، ސަލާމަތް ބުއްދި ހުރި އާއްމު މީހާއަށްވެސް ދެނެގަނެވޭފަދަ، އެކަށީގެންނުވާ ވާހަކަތައް ބައެއް ޚުޠުބާތަކުން އިވެމުންދެއެވެ. ޢިބާރާތްކުރުމާއި ބަހުގެ ފެންވަރު ދަށްވުމާއި މަޢުލޫމާތުގެ ކުށް ހުންނަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި މިހާރުގެ ސިކުނޑިތަކާ ނުގުޅޭ ޢިބާރާތްތައް ގިނަވުމާއި، މައުޟޫޢާ ނުގުޅޭ ނުވަތަ ގުޅުން ކުޑަ ދަލީލުތައް ގެނެސްފައި ހުރުންފަދަ ކަންކަންވެސް ފާހަގަކުރެއެވެ. އިސްލާމްދީން މަތިވެރިކުރުމުގެ މަޤުޞަދުގައި ލިޔެފައިވާ ޚުޠުބާގައި، ދީނަށް ނިކަމެތިކަން ލިބޭފަދަ ވާހަކަ ހިމެނިފައި އެބަހުއްޓެވެ. ނަމަވެސް އެ ލިޔުނު ފަރާތުގެ ގަސްތަކީ ދީން ނިކަމެތިކުރުންނޫންކަން ޤަބޫލުކުރަމެވެ.

18 ނޮވެންބަރު 2022 ގައި ކީ ޚުޠުބާގައި؛ ޖެނެޓިކް އެންޖިނިއަރިންގެ ތެރެއިން މޭވާއާއި ގަސްގަހާގެއްސާއި (އެހެނިހެން) ދިރޭ ތަކެއްޗަށް ބަދަލު ގެނައުމަކީ ރަނގަޅުނޫންކަމެއްކަމަށް ދޭހަވާގޮތަށް ގެނެސްފައިވެއެވެ. ހޯމޯން ދީގެން ކުކުޅުހާ އަވަހަށް ބޮޑުކުރާ ވާހަކައާއި، ދުވާލަކު ދެތިންފަހަރު ބިސްއަޅުވާ ވާހަކަ ގެނެސްފައިވެއެވެ. "އިންސާނުންނާއި ވެށީގެ ރައްކާތެރިކަން އޮތީ އިސްލާމްދީނުގައި" ކަމަށް ބުނެދޭ ޚުޠުބާއެއްގައި، ބަޔާންވެދިޔަ މަޢުލޫމާތު ނެގެޓިވް ދޭހައެއް އަންނަގޮތަށް ގެނެސްފައި އޮތުން ރަނގަޅެއްނޫނެވެ. އެކަމާބެހޭގޮތުން މަދަރުސާކުދިންނާއި ޒުވާނުން ސުވާލުކުރިއެވެ. އިސްލާމްދީނަކީ ސައިންޓިފިކް ހޯދުންތަކާ ދެކޮޅު ދީނަކީހެއްޔެވެ؟ ޖެނެޓިކް އެންޖިނިއަރިން އާއި ޖެނެޓިކް މޮޑިފިކޭޝަން އަކީ ޒަމާނާއި ޙާލަތަށް ބޭނުންތެރި ކަންތައްތަކަށްވާއިރު، އިސްލާމްދީން އެކަންކަމަށް ސަމާލުކަމެއް ނުދެނީހެއްޔެވެ؟

ޙަޤީޤަތަށް ބަލާއިރު، ޖެނެޓިކް އެންޖިނިއަރިންގެ ތެރެއިން ގަސްގަހާގެއްސާއި ޖަނަވާރަށް ގެންނަ ބަދަލުތަކުގައި ގެއްލުންތަކެއް ހުރުމަކީ މުޅި އެ ޕްރޮސަސް ގޯސްވާންޖެހޭ ސަބަބެއްނޫނެވެ. އަދި އެއީ އިސްލާމްދީނުގެ އިރުޝާދުތަކާ ޚިލާފުކަމެއްވެސްނޫނެވެ. އިންސާނީ ބޭނުންތަކަށް އެކަށީގެންވާ ވަރަށް ޠަބީޢީ ގޮތުން ގަސްނުހެދޭނަމަ ޖެނެޓިކް މޮޑިފިކޭޝަންގެ އެހީގައި ގިނައިން އަދި އަވަހަށް ގަސް ހައްދަންވީއެވެ. ބޭނުންވާ މިންވަރަށް ކުކުޅު ބިސް ނުލިބޭނަމަ ދުވާލަކު ތިންހަތަރު ފަހަރުވެސް ބިސް އަޅުވަންވީއެވެ. އެކަންކަމުގައި ހުރިނަމަ ހުރި ގެއްލުންތައް ނައްތައިލުމަށް ނުވަތަ ކުޑަކުރުމަށްޓަކައި އިތުރު ހޯދުންތައް ހޯދައި ފިޔަވަޅުތައް އަޅާނީއެވެ. އެއީ އިސްލާމީ އުޞޫލެވެ. އިސްލާމްދީން އަންގަވަނީ ކަންކަމާމެދު ވިސްނާ ފިކުރުކުރުމަށެވެ. އުނގެނުމަށެވެ. އައު އީޖާދުތައް ކުރުމަށެވެ. ދިރިއުޅުމުގެ ފަސޭހަތައް ހެޔޮގޮތުގައި ލިބިގަތުމަށެވެ.

އަބަދުވެސް ޚުޠުބާތަކުން ފާހަގަކުރެވޭ އެހެން ކަމެއްވެސް އެބައޮތެވެ. އެއީ ބަލިތަކާއި ގެއްލުންތަކުން ހަމައެކަނި "އިސްލާމީ ޤައުމުތައް" ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރުމެވެ. މިއީ ބަވަނަވެފައިވާ މިޒަމާނަށް އެކަށީގެންވާ ގޮތަށް ކުރެވޭ ދުޢާއެއްނޫނެވެ. އޭގެ ބަދަލުގައި ދުޢާކުރަންޖެހޭނީ ބަލިތަކާއި ގެއްލުންތަކުން ދުނިޔެ ސަލާމަތްކޮށްދެއްވުމަށެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައި ބަލިމަޑުކަމެއް ފެތުރުނަސް ނުވަތަ ގެއްލުމެއް ކުރިމަތިވިޔަސް އޭގެ އަސަރުތައް ހުރިހާ ޤައުމަކަށް ކުރުމުގެ ފުރުސަތު މިހާރު އޮވެއެވެ. މީގެ އެންމެ އަލިގަދަ ހެއްކަކީ ދާދިފަހުން ކުރިމަތިވި ކޮވިޑު-19 ގެ ޢާލަމީ ވަބާއެވެ.

ޚުޠުބާއާމެދު ދޭތެރެދޭތެރެއިން އުފެދޭ ޢިލްމީ ޚިޔާލު ތަފާތުވުންތައް ނައްތައިލައި، ޚުޠުބާއަކީ ޒަމާނާއި ތަނާއި ޙާލަތަށް އެކަށީގެންވާ ފުރިހަމަ ލިޔުމަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއްވެއެވެ. އެގޮތުން އެންމެ ފުރަތަމަ ލިޔަން ބޭނުންވާ ވަކި މައްސަލައެއް އިޚްތިޔާރުކުރަންޖެހޭނެއެވެ. އެއަށްފަހުގައި އެ މައްސަލައާމެދު ރަނގަޅަށް ދިރާސާކޮށް މިޒަމާނުގެ ސިކުނޑިތަކަށް ވިސްނޭފަދަ އާދައިގެ ތިލަ ޢިބާރާތުން ލިޔާނީއެވެ. ދީނީ ޢިލްމުވެރިޔަކު ޚުޠުބާ ލިޔުނުނަމަވެސް، ލިޔާ މައުޟޫޢާ ގުޅުން ހުރި އެކަށީގެންވާ ފަރާތެއްގެ އެހީތެރިކަން ހޯދުން މުހިއްމެވެ. މިސާލަކަށް، އިސްލާމީ ނަޒަރުން ނަފުސާނީ މައްސަލަތަކާމެދު ލިޔާނަމަ އެދާއިރާގެ ޚާއްޞަ މީހުންގެ އެހީތެރިކަން ހޯދިދާނެއެވެ. އެއާއެކު، އެކަށީގެންވާ ކޮމެޓީއަކުން އެ ޚުޠުބާ މުރާޖަޢާކުރަންވާނެއެވެ. އެ ކޮމެޓީއަކީވެސް ހަމައެކަނި ދީނީ ޢިލްމުވެރިން ހިމެނޭ ކޮމެޓީއަކަށް ހެދުމުގެ ބަދަލުގައި، ބަހާއި އަދަބިއްޔާތުގެ ޢިލްމުވެރިންވެސް ހިމަނައިގެން އެކުލަވައިލާފައިވާ ކޮމެޓީއަކަށްވެއްޖެނަމަ ވަރަށް ފުރިހަމަވާނެއެވެ.

އެހާރާއި މިހާރު ދުނިޔޭގެ ޙާލަތު އޮތް ގޮތާއި، ސައިންސާއި ޓެކްނޮލޮޖީގެ މަޑުޖެހުމެއްނެތް ކުރިއެރުމާއެކު ދުނިޔެއަށް އަންނަ ބަދަލުތަކާމެދު ސަމާލުކަމެއްނުދީ، ހަމައެކަނި ޝަރުޢީ ނައްޞުތަކެއް އިއްވައިލުމަކުން ބޭނުންވާ އެންމެ ހެޔޮ ނަތީޖާއެއް ނުފެންނާނެއެވެ. އަޑުއަހަން ބޭނުންވިޔަސް ނުވިޔަސް، ހުކުރަށް އަރައިފި ކޮންމެ މީހަކަށްވެސް އަޑު އިވޭ އެއްޗެއްކަމުގައި ޚުޠުބާ ވެއެވެ. އެހެންކަމުން އެއީ ޢިލްމީގޮތުން ބުރަދަން ހުރި، ކުށްތައް ނުހިމެނޭހެން ފުރިހަމައަށް ތައްޔާރުކޮށް އިއްވޭ ޝައުޤުވެރި އެއްޗަކަށް ހެދުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް