ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ލައިވްކުރާ އިވެންޓުތައް ވިޔަފާރި އުސޫލުން ލައިވްކުރި ކަމުގައި ވިޔަސް، އެ ކުންފުނީގެ އެޑިޓޯރިއަލް ގިއުގަނޑެއްގެ ތެރޭގައި ކޮންޓެންޓް ހިފަހައްޓާނެ ކަމަށް މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޕީއެސްއެމްއިން ވަގުތުން ލައިވްކުރުން ހުއްޓާލުމަށްފަހު އަލުން ފަށައިފައި ވަނިކޮށެވެ.
ޕީއެސްއެމްއިން މަޖިލިސް ލައިވްކުރުން ހުއްޓާލާފައި ވަނީ މިފަހަކަށް އައިސް މަޖިލިސް ހޫނުވެ މަޖިލިސްގެ ޖަލްސާތަކުގައި ބޭއަދަކީ ބަހުން ވާހަކަ ދައްކާތީ އެކަން ކޮންޓްރޯލް ނުކުރެވިގެން ދިޔުމާ ގުޅިގެންނެވެ. އެހެންނަމަވެސް ގިނަ ފާޑުކިޔުންތަކަކަށް ފަހު ޕީއެސްއެމުން އަނެއްކާވެސް މަޖިލިސް ލައިވްކުރަން ވަނީ ފަށައިފައެވެ.
އަމިއްލަ ބްލޮގްގައި ކުރި ޕޯސްޓެއްގައި އަލީ ޚާލިދު ވިދާޅުވީ، ޕީއެސްއެމުން ދައްކާ ޕްރޮގުރާމުތައް ބްރޯޑުކާސްޓް ކުރާ ގަޑިތައް ކަނޑައަޅަނީ ކޮންޓެންޓަށް ބަލައިގެން ކަމަށާއި ހެނދުނުން ފެށިގެން ހަވީރުވަންދެން ފޮނުވާ ޕްރޮގްރާމްތައް ހުންނާނީ ހުރިހާ އުމުރުފުރާއަކަށް ފެތޭގޮތަށް ކަމަށެވެ. އެހެންނޫންނަމަ ޕްރޮގްރާމެއް ފެށުމުގެ ކުރިން ބޮޑު މީހަކާ އެކު ބެލުން އެންމެ ރަނގަޅު ކަމަށް އިރުޝާދު ދޭނެކަމަށާއި ރޭގަނޑު ގަޑިތަކުގެ ޕްރޮގުރާމްތައް ހުންނާނީ ބޮޑެތި މީހުންނަށް ކަމަށް އަލީ ވިދާޅުވިއެވެ.
އެހެންނަމަވެސް ޕީއެސްއެމުން ލައިވް ކުރާ ބައެއް ކޮންޓެންޓުތައް ޕީއެސްއެމުގެ އެޑިޓޯރިއަލް ގައިޑުލައިނަށް މިހާރު ނުފެތޭކަމަށް އޭނާ ފާހަގަކުރިއެވެ.
"މިދަންނަވަނީ ރައްޔިތުންގެ މަޖިލިސްގެ ޖަލުސާތަކުގެ ވާހަކައެވެ. އެ އިވެންޓްތައް ފޮނުވަނީ ވެސް ޕްރޮގުރާމް ފޮނުވަން ތަރުތީބު ކުރެވިފައިވާ ގަޑިތަކާއި އުސޫލާއި ޚިލާފަށެވެ." އަލީ ޚާލިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް
އަލީ ވިދާޅުވީ ޕީއެސްއެމުން މަޖިލިސް ގެނެސް ދިނުން ހުއްޓާލުމުން އެހެން މީޑިއާތަކުން އެކި ގޮތްގޮތަށް ރިޕޯޓްކުރަމުން ދިޔަ ކަމަށެވެ. އެގޮތުން ބައެއް ނޫސްތަކުން ތުހުމަތުކުރީ މަޖިލިސްތެރެއިން ޕާޓީއެއް އުފަންވާތީ ޕީއެސްއެމުން މަޖިލިސް ދައްކަން ބޭނުންނުވަނީ ކަމަށް ކަމަށް އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ އެންމެ ފުރަތަމަ މަޖިލިސް ލައިވްކުރަން ފެށިއިރު ވެސް ވަކި އުސޫލެއް އެކުލަވާލެވުނު ކަމަށާއި، ޕީއެސްއެމުން އަމަލުކުރަމުން އައީ އެ އުސޫލާ އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެ ކަމަށާއި މަޖިލީހުގައި ބައެއް ދުވަސް ދުވަހު ހިންގާ ސެޝަންތަކުގައި ދެބަސްވެ އަރާރުންވާ ހިސާބަށް މަޖިލިސް ހޫނުވެ ކުރެވޭ ޒުވާބުތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލް ގައިޑުލައިނަށް ފެތޭ ކޮންޓެންޓެއް ނޫން ކަމަށެވެ.
"މިފަހުން މަޖްލިސްތެރޭ ހިނގާ ދިޔަ އަރާރުމާއި ބޭނުންކުރަމުން ދިޔަ ބޭއަދަބީ ބަސްތައް އަމުދުން ހުރީ ބްރޯޑުކާސްޓު ކުރެވޭ ގޮތަކަށް ނޫންނެވެ. އެހެންކަމުން މަޖިލިސްގެ ޖަލްސާތައް ލައިވްކޮށް ބްރޯޑުކާސްޓު ކުރުން ހުއްޓުމަކަށް ގެންނަން ނިންމުނުނެވެ. މިގޮތަށް ނިންމަން ޖެހުނީ ޕީއެސްއެމްގެ އެޑިޓޯރިއަލް ގައިޑުލައިނަށް ނުފެތޭކަމަށް ކުންފުނީގެ ކަމާގުޅޭ ޑިޕާޓްމަންޓުން ކަންބޮޑުވުން ހުރިކަމަށް ބުނަމުން ގެންދާތީއެވެ." އަލީ ޚާލިދު ވިދާޅުވިއެވެ.
އަލީ ވިދާޅުވީ، އެހެންނަމަވެސް މަޖިލީހުން ކުރަންމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭތީ ޕްރޮގްރާމެއް އިތުރަށް ހަދަން ނިންމާ އެ ޕްރޮގްރާމް ރޭނގަޑުގެ ގަޑިއެއްގައި ގެނެސް ދިނުމަށް މަޝްވަރާކުރެވުނު ކަމަށެވެ. އަދި މިހާރުވެސް "ބާބު"ގެ ނަމުގައި މަޖިލިސް އޮންނަ ކޮންމެ ދުވަހަކު ޕްރޮގްރާމެއް ގެނެސްދެމުންދާ ކަމަށް އަލީ ވިދާޅުވިއެވެ.
"މަޖިލިސް ތެެރޭގައި އަދަބު އަޚްލާގު ހިފެހެއްޓުމަށް އުސޫލުތަކެއް ހުރެއެވެ. މީގެން ދޭހަވަނީ މަޖިލީހުގައި ސެންސަރުކުރުމުގެ އުސޫލުތަކެއް ގެންގުޅޭކަމެވެ. އަދި އެއީ އެންމެން ގަބޫލުކުރާ ކަންކަމެވެ. އެހެން ވިއްޔާ މަޖިލިސް ބްރޯޑުކާސްޓު ކުރާ ފަރާތްތަކުން އަމިއްލަ އުސޫލުތަކެއް ނުގެންގުޅެންވީ ކީއްވެތޯ؟" އަލީ ޚާލިދު ވިދާޅުވިއެވެ.