ވެރިންގެ ގޮތުގައި ތިބެންވީ ފައިސަލް ފަދަ، ރައްޔިތުންނަށް ހެޔޮ އެދޭ ބޭފުޅުން: ނިޒާރު

މޭޔަރު އަލީ ނިޒާރު ވާހަކަފުޅު ދައްކަވަނީ ---

ރާއްޖޭގެ ވެރިންގެ ގޮތުގައި ޚިޔާރު ކުރަންވީ ނައިބު ރައީސް ފައިސަލް ނަސީމް ފަދަ, ސިޔާސަތު ކަނޑައަޅުމުގައި ރައްޔިތުންނަށް ހެޔޮ އެދޭ ބޭފުޅުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޒާރު ވިދާޅުވީ ދިވެހިން މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީ ދިވެހިންގެ މެދުގައިވާ ސުލްހަ މަސަލަސްކަން ދަމަހައްޓަން މަސައްކަތް ކުރުން ކަމަށެވެ. އަދި ވޯޓު ހޯއްދަވަން ރައްޔިތުންގެ އަރިހަށް ވަޑައިގަންނަވާ ބޭފުޅުންގެ މަސައްކަތަކީ ސުލްހަވެރިކަން ދެމެހެއްޓޭނެ ފަދަ ސިޔާސަތުތަކެއް ގާއިމް ކުރުން ކަމަށާއި، ވެރިންގެ ގޮތުގައި ޚިޔާރު ކުރަންވީ ވެސް އެފަދަ ބޭފުޅުން ކަމަށް ނިޒާރު ވިދާޅުވިއެވެ.

ފައިސަލް އަކީ މިހާތަނަށް ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސްކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވީ، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ނައިބު ރައީސް އާ އެކު މަސައްކަތް ކުރެއްވި ކަމަށެވެ.

އެ ދުވަސްވަރު ތަފާތު ދެ ޕްލެޓްފޯމުގައި، ތަފާތު ފިކުރުގެ ދެ ބޭފުޅުންގެ ގޮތުގައި މަސައްކަތް ކުރެއްވި ނަމަވެސް މަސައްކަތުގެ މައިދާނުގައި ދުވަހަކުވެސް އެކަން އިހުސާސް ނުވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އެ ސިޔާސަތުތަކުގެ މުހިންމު ކަމަކީ އެންމެ މީހަކު ގެންނަ ވިޔާނުދާ އެންމެ ސިޔާސަތެއްގެ ސަބަބުން މުޅި ގައުމު ހަލާކުވެގެން ހިނގައިދާނެ. ތަފާތު ފިކުރެއްގައި [ފައިސަލް އާއެކު] މަސައްކަތް ކުރެއްވި ނަމަވެސް ދުވަހަކު ވެސް ސިޔާސަތަށް ބަދަލެއް ނާންނަ އެއްގޮތެއްގައި ހުންނެވި، މާތް ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގައި ފައިސަލް ފާހަގަކުރަނީ. އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

މީގެކުރިން ދިވެހީންނަށް ތަފާތު ތިން ވެރިކަމެއް ފެނިއްޖެ ކަމަށާއި، މިއަދު ރައްޔިތުންނަށް ފެންނަމުން މިދަނީ ވެރިއަކު އަމަލު ކުރާ ގޮތަކުން ގައުމުގެ އަމާން ކަމާއި ހަމަޖެހުން ދެމި އޮންނާނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، މި ވާހަކަތަކަކީ މިނިވަންކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންތައްތަކެއް ކަމަށެވެ. ސަބަބަކީ ރައްޔިތުން ބޭނުންވާ އުފަލަކުން މަހުރޫމް ވެގެން ދިޔުމަކީ ވެސް ހަގގީ މިނިވަންކަން ގެއްލިގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުލްހަވެރިކަމާއެކު ވެރިކަން ކުރެވިގެންދާނެ ކަމުގެ ހަގީގީ ހެކި މިއަދު ފެންނަމުން މިދަނީ. މި ދައުރުގެ ކަންކަމަށް ބަލާއިރު، މިއީ ރާއްޖޭގައި ވެރިކަން ކުރަން ޖެހޭ ގޮތް. ރައްޔިތުންގެ ސުލްހަ މަސްލަހަތަށް އެންމެ ބޮޑު އިސްކަމެއް ދީގެން މިކަން ކުރަން ޖެހޭނީ." ނިޒާރު ވިދާޅުވިއެވެ.

މާތްﷲގެ އިރާދަފުޅާއެކީ ދުނިޔޭގެ ގައުމަކަށް ލިބޭނެ ހުރިހާ ނިއުމަތްތަކެއް ރާއްޖެއަށް ލިބިފައިވާ ކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ، މިނިވަން ކަމާއެކު ރާއްޖެ ކުރިއަރާފައިވާ މިންވަރު އެންމެ ރަނގަޅަށް ފެންނަން އޮތީ އަދުގެ ޒުވާން ޖީލަށް ކަމަށެވެ.

comment ކޮމެންޓް