ޑެންމާކުގައި ޤުރުއާން އެންދުން ސަރުކާރުން ކުށްވެރިކޮށްފި

ޑެންމާކުގައި ގުރުއާން އެންދުމާ ގުޅިގެން އިރާގުގައި މުޒާހަރާކުރަނީ -- ފޮޓޯ/ އޭޕީ

ޑެންމާކުގައި ކީރިތި ޤުރުއާން އެންދުން، ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޑެންމާކުގައި ކީރިތި ޤުރުއާން އެންދީ އެ ގައުމުގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީގައެވެ.

މި ހަރުކަށި އަމަލާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ފަދަ އަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވެސް ހިންގޭނެ އަމަލެއް ނޫން ކަމަށެވެ. އަދި, ޚިޔާލު ފާޅުކުުރުމުގެ މިނިވަންކަމަކީ އެ ކަމަށް ބަހަނާއެއްގެ ގޮތުގައި ވެސް ނުދެއްކޭނެ ކަމަށެވެ.

ނަސްލީ ތަފާތުކުރުންތަކާއި، ދީނީ އަގީދާގެ ސަބަބުން ކުރާ ތަފާތުތައް ނައްތައިލުމުގައި ދުނިޔެ ކުރިއަރަމުން އަންނައިރު، ނަފްރަތު އުފެއްދުމަށް ހިންގާ އެ ފަދަ އަމަލުތައް ބަލައިނުގަނެވޭނެކަމަށް ވެސް ސަރުކާރުން ބުންޏެވެ.

އެ ފަދަ އަމަލުތަކުގެ ސަބަބުން އިތުރުވާނީ މުޖުތަމައުގެ ތެރޭގައި އޮންނަ ބިރާއީ ހާސްކަން ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އަދި, މިއީ އެތައް އަހަރަކުން ގާއިމްކުރަން މަސައްކަތްކުރާ ސުލްހައަށް އެޅޭނެ ހުރަހެއް ކަމަށް ބަޔާނުގައިވެއެވެ.

ސަރުކާރުގެ ބަޔާނުގައިވަނީ މިއީ މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައ ގުޅިގެން މަސައްކަތްކުރަންވީ ވަގުތުކަމަށާއި އިސްލާމްދީނާ މެދު ނަފުރަތު އުފެއްދުމުގެ އަމަލުތައް ހުއްޓުވަން ޖެހޭ ވަގުތުކަމަށް ބުނެފައެވެ.

ނަފުރަތާއި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކޮށް ސުލްހަ ގާއިމްކުރުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވެސް ބުނެފައެވެ.

އެއާ އެކު ސަރުކާރުން ވަނީ އެ ހަރުކަށި އަމަލާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ބަސްބުނެ، ފިޔަވަޅުތައް އަޅައި އެ ކަން ތަކުރާރުނުވާނެކަން ޔަގީންކުރުމަށް ގޮވައިލައިފައެވެ.

comment ކޮމެންޓް