ބަނޑިދޫ ކައުންސިލުގެ 14ވަނަ ޤުރްއާން މުބާރާތުން އެއްވަނަ ލަމްއާނަށް

ބަނޑިދޫ ކައުންސިލުގެ ޤުރްއާން މުބާރާތުން އެއްވަނަ ހާސިލްކުރި މުޙައްމަދު ލަމްއާނާއެކު، ސަންސިޔާމް ކެއާގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ފޮޓޮއަކަށް ހުއްޓިވަޑައިގެން --- ފޮޓޯ: ސަން ސިޔާމް އިރުވެލި ރިސޯޓް

ދ. ބަނޑިދޫ ކައުންސިލުން ކޮންމެ އަހަރަކު ރަމަޟާން މަހު ބާއްވާ ކީރިތި ޤުރްއާން މުބާރާތުގެ 14 ވަނަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތުގެ އެއްވަނަ މުޙައްމަދު ލަމްއާން ހާސިލުކޮށްފައިވާއިރު، މިއީ އެ ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ޤުރްއާނަށް އޮތް ލޯބި އިތުރުކުރުމަށާއި، ތަޖުވީދުގެ ހަމަތަކާއެކު ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވުމަށް ބާއްވާ މުހިންމު މުބާރާތެކެވެ. މި މުބާރާތަކީ ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ދީލަތި އެހީތެރިކަމާއެކު، ސަންސިޔާމް ކެއާގެ ސްޕޮންސަރޝިޕްގެ ދަށުން ކުރިއަށް ގެންދެވޭ 11 ވަނަ މުބާރާތެވެ.

  • މުބާރާތުގެ އެއްވަނަ މުޙައްމަދު ލަމްއާން ހާސިލުކުރި
  • މުބާރާތުގެ ދެވަނަ ޢަމްރު ބިން އުސައިދު އަދި ތިންވަނަ ޢާއިޝަތު އިލްފާ ޢާޠިފް މޫސާ ހޯދި
  • މުބާރާތުގެ ސްޕޮންސަރަކީ ސަންސިޔާމް ކެއާ، މިއީ 11 ވަނަ ފަހަރަށް ކުރިއަށް ގެންދިޔަ މުބާރާތެއް
  • މުބާރާތުގެ މަޤްސަދަކީ ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުން
  • އެއްވަނަ ހޯދި ފަރާތަށް 20,000 ރުފިޔާގެ އިނާމު ހުށަހެޅި

ބަނޑިދޫ ކައުންސިލުގެ 14ވަނަ ޤުރްއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ، މުޙައްމަދު ލަމްއާން ޙާސިލްކޮށްފިއެވެ.

ދ. ބަނޑިދޫ ކައުންސިލުން ބުނީ، ކޮންމެ އަހަރެއްގެ ރަމަޟާން މަހު އެ ރަށު ކައުންސިލުން ކުރިއަށް ގެންދާ މި މުބާރާތުގެ މަގުސަދަކީ، ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ތަޖުވީދުގެ މަގަށް ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުން ކަމަށެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ދީލަތި އެހީތެރިކަމާއެކު ކަމަށް، ބަނޑިދޫ ކައުންސިލުން ބުންޏެވެ.

ބަނޑިދޫ ކައުންސިލުގެ މުބާރާތުގައި ބައިވެރިވި ކުދިންނާއި ކުދިންގެ ބެލެނިވެރިން --- ފޮޓޯ: ސަން ސިޔާމް އިރުވެލި ރިސޯޓު

އަދި މިއީ ސަންކެއާގެ ސްޕޮންސަރުގެ ދަށުން ކުރިއަށް ގެންދެވުނު 11ވަނަ މުބާރާތް ކަން، ކައުންސިލުން ފާހަގަކުރިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ބަނޑިދޫ ކައުންސިލުގެ ރައީސް މުޙައްމަދު މޫސާ ވަނީ، ޤުރްއާން މުބާރާތް ބޭއްވުމަށް ސިޔާމް ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެކަން އެގޮތުގައި ދެމެހެއްޓުމަށް ކައުންސިލުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ބަނޑިދޫ ކައުންސިލުގެ ޤުރްއާން މުބާރާތުން އެއްވަނަ ހާސިލުކުރި ލަމްއާނަށް ވަނީ 20،000 ރުފިޔާ އިނާމުގެ ގޮތުގައި ދީފައެވެ. މި މުބާރާތުގެ ދެވަނަ ހާސިލުކުރީ ޢަމްރު ބިން އުސައިދެވެ، އަދި ތިންވަނަ ހާސިލުކުރީ ޢާއިޝަތު އިލްފާ ޢާޠިފް މޫސާއެވެ.

ސަންސިޔާމް ކެއާގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަޝްރަފް ޢަބްދުއްރަޙީމް، އަދި އެމްޑީއޭގެ ރަޖިސްޓްރާ މުޙައްމަދު ޢުމަރު (މ)، މުބާރާތުން ވަނަވަނައަށް ދިޔަ ކުދިންނާއި، ކުދިންގެ ބެލެނިވެރިންނާ އެކު --- ފޮޓޯ: ސަން ސިޔާމް އިރުވެލި ރިސޯޓު

މުޅި މުބާރާތުން އެއްވަނައާއި ދެވަނައާއި ތިންވަނައަށް ހޮވުނު ކުދިންނަށް އިނާމު ދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު ސަންކެއާގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.

ސިޔާމަށް ބައިވެރިވެވަޑައިނުގެންނެވޭތީ ސިޔާމްގެ މަންދޫބެއްގެ ގޮތުގައި މި ޖަލްސާގައި ބައިވެރިވެވަޑައިގަތީ އަޝްރަފެވެ.

މި މުބާރާތުގައި ވަނަވަނައަށް ހޮވުނު ކުދިންނަށް އިނާމުދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ، ބަނޑިދޫގައި ކީރިތި ޤުރްއާން ކިޔެވުން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭނެ ގޮތް އިންތިޒާމުކޮށްދިނުމަށާއި، މުބާރާތް އިތުރަށް ކުރިއަށް ގެންދިއުމަށް ސިޔާމް އެދިވަޑައިގަންނަވާ ކަމަށެވެ.

އަޝްރަފް ވަނީ، ބަނޑިދުއަކީ ތަޖުވީދު މަގުން ރީތިކޮށް ޤުރްއާން ކިޔެވުމުގެ ހުނަރު ލިބިފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށް ހެދުމަށްޓަކައި ސިޔާމްގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ސަންސިޔާމް ކެއާގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވާހަކަ ދައްކަވަނީ --- ފޮޓޯ: ސަން ސިޔާމް އިރުވެލި ރިސޯޓު

އޭގެ އިތުރުން، ދިވެހީންނަކީ އަމިއްލަ މިނިވަންކަމާއި، ފަޚުރުވެރި ސަގާފަތެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ތަނެއްކަން ފާހަގަކުރައްވައި އަޝްރަފް ވަނީ، ޒަމާނުއްސުރެ ޤުރްއާން ކިޔެވުމަށާއި އުނގެނުމަށް ދިވެހީންގެ ހިތުތެރޭގައި އޮތް ލޯތްބާއި އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ

ދިވެހިރާއްޖެއަކީ އަބަދުވެސް އެކަކު އަނެކަކަށް ކަމޭހިތައި، އެހީތެރިވުމުގެ ސަގާފަތެއް އޮތް ގައުމެއް ކަމަށް، އަޝްރަފް ވިދާޅުވިއެވެ.

މި ޖަލްސާގައި ސަންސިޔާމް އިރުވެލި ރިސޯޓުގެ މެނޭޖަރު މުޙައްމަދު ނަޖާހާއި، އެ ރިސޯޓުގެ ހިއުމަން ރިސޯސަސް މެނޭޖަރު ޝިމްހާދު ޢަލީވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

comment ކޮމެންޓް