ކީރިތި ޤުރުއާން ހިތުދަސްކުރި 31 ހާފިޒުންގެ ދަސްވެނިވުން ބާއްވައިފިއެވެ.
ހާފިޒުން ދަސްވެނިވުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓްރީން ވަނީ، މިއީ އެއް ފަހަރާ އެހާ ގިނަ ހާފިޒުން ދަސްވެނިވި އަހަރު ކަމަށެވެ.
މި އަހަރު ދަސްވެނިވެފައިވަނީ، އަންހެން 19 ހާފިޒުންނާއި، ފިރިހެން 12 ހާފިޒުންނެވެ. އެއީ 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ހާފިޒުންނާއި، 21 އަހަރުން މަތީގެ އަށް ހާފިޒުންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. އެ މަނިކުފާނު ވަނީ ހާފިޒުންނަށް ހާފިޒު ކަމުގެ ސަނަދާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖޭގައި ހާފިޒުންގެ އަދަދު މިހާރު 301އަށް އަރައިފައިވާ ކަމަށެވެ. އެއީ 139 އަންހެން ހާފިޒުންނާއި، 162 ފިރިހެން ހާފިޒުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި މި އަދަދު 500އަށް އެރުވުން ކަމަށެވެ. މީގެ އިތުރުން އިސްލާމީ ދުނިޔޭގައި އެ ގައުމެއްގެ ރައްޔިތުންގެ ނިސްބަތުން އެންމެ ގިނަ ހާފިޒުން ތިބި ގައުމަކަށް ރާއްޖެ ހެދުމަކީ އަމާޒެއްކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ ގޮތްޕެއް ގާއިމްކުރުމެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން މި އަހަރު 50 ގޮފި ހަދާނެ ކަމަށާއި މިހާތަނަށް ހަ ގޮފި ރަޖިސްޓަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި މިވަގުތުވެސް ގުރުއާން ހިތުދަސްކުރާ ކުދިންގެ އަދަދު 1800އަށް އަރާފައިވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.