އަންނަ ދިރާސީ އައު އަހަރު ފެށޭއިރު، އަރަބިއްޔާ ސްކޫލު ކުދިންގެ ކިޔެވުން ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތައް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީ އަހްމަދު އަލީ ވަނީ އެކަން "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ މިއީ ކުރިންވެސް ޕްލޭނުގައި އޮތް ގޮތް ކަމަށާއި ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް ހުސްވުމުން އެތަނަށް އަރަބިއްޔާ ސްކޫލު ކުދިން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެެވެ.
އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެ ތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބެލެނިވެރިން ބުނަމުން ދަނިކޮށް އެ ކުދިން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ 2021ވަނަ އަހަރުގެ ފަހުކޮޅުއެވެ.
ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން މިނިސްޓްރީން ވަނީ ބިމެއް ހޯދައިދޭނެ ކަމަށް ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ ހިއްސާ ކުރެއްވުމުން އެ މަނިކުފާނު ވަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހަމަޖައްސަވައި ދެއްވައިފައެވެ.
އިމާރާތް އެޅެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ކުރިން ހިންގި ސޯމިލް އިމާރާތް ވަނީ އަރަބިއްޔާ ސްކޫލަށް ހަމަޖައްސައިދެއްވައިފައެވެ. އަރަބިއްޔާ ސުކޫލަކީ 2011ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. އެ އިމާރާތަށް ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ.
އަރަބިއްޔާގެ އާ ސްކޫލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 2022ވަނަ އަހަރުގެ ސެޕްޓެމްބަރު 29ގައެވެ. މި ޕްރޮޖެކްޓްގެ އަގަކީ 168.5 މިލިއަން ރުފިޔާއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަރަބިއްޔާގެ އާ ސްކޫލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ފެށޭނެ ކަމަށެވެ. ނަމަވެސް މި މަސައްކަތް މިއަދާ ހަމައަށް އައިރު އަދި ފެށިފައެއް ނުވެއެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ 2024ވަނަ އަހަރުގެ ދިރާސީ އަހަރަށް އަރަބިއްޔާ ސްކުލޫގެ މަސައްކަތް ނިންމައިލެވޭނެ ކަމަށެވެ.
ދަރުމަވަންތަ ސްކޫލްގެ ކުދިން ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އެ ސްކޫލްގެ އައު އިމާރާތުގައެވެ. ވިލާ ކޮލެޖް ކައިރީގައި ހަދާފައިވާ އެ އިމާރާތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތަކެެވެ.