މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވަނީ، ވަގުތީގޮތުން ޓީމާ ހަވާލުވާނީ ސުޒޭން

ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ -- ފޮޓޯ/ އެފްއޭއެމް

ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ހަދާފައިވާ ކޮންޓްރެކްޓް، އަންނަ މަހު ހަމަވުމުން، ވަގުތީގޮތުން ޓީމާ ހަވާލުވާނީ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޓީމަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން އެ އިދާރާއިން ވަނީ ޓެކްނިކަލް ޑިރެކްޓަރަކަށް އިނގިރޭސިވިލާތުގެ ޕޯލް ސްމޯލީ ހަމަޖައްސައިފައެވެ. އޭނާ އެ މަގާމާ ހަވާލުވީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ސްމޯލީ ހަމަޖެއްސިކަން އިއުލާންކުރުމަށް ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ރައީސް ބައްސާމް ވިދާޅުވީ ކޯޗިން ސްޓާފުންނަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށާއި އެގޮތުން ކޯޗު މޮރިއޭރޯގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ 23 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމަށް ބަދަލުތަކެއް އަންނާނެ. މިހާރު ހުރި ކޯޗުގެ ކޮންޓްރެކްޓް ހަމަވާނެ އޮގަސްޓްގެ ނިޔަލަށް. އެއަށް ފަހު އަޅުގަނޑުމެންގެ ވިސްނުމަކީ ކޯޗުގެ ކޮންޓްރެކްޓް އާ ނުކުރުން.

އެހެންވީމާ އެ ހިސާބުން ގައުމީ ޓީމާ ހަވާލުވާނީ އެސިސްޓަންޓް ކޯޗަކަށް ހުރި އަލީ ސުޒޭން،" އޭނާ ވިދާޅުވިއެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން -- ފޮޓޯ/ އެފްއޭއެމް

ބައްސާމް ވިދާޅުވީ މި ވަގުތު ޓީމަށް ބޮޑު ބަދަލެއް ގެންނަން ބޭނުންނުވަނީ ކައިރީގައި މުބާރާތްތަކާއި ކޮލިފިކޭޝަން މެޗުތައް އޮންނާތީ ކަމަށާއި އަލަށް ބިދޭސީ ކޯޗެއް ގެންނަ ނަމަ، ކުޅުންތެރިންނާއި ޓީމު ދަސްކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. އަދި، ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކްލަބުތަކުގެ ކޯޗުންނާ ބައްދަލުކޮށް، ސްމޯލީ ދާނީ ކަންކަން މޮނީޓާކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ބޭނުމަކީ އަޅުގަނޑުމެން މި ގެންނަ ބަދަލުތަކާއި އެ މީހުންގެ ސަޕޯޓު މިއަށް ލިބިގެންދާނެ ގޮތަކަށް، އެކަމަށް މަސައްކަތް ކުރުމުގެ މާހައުލެއް ހޯދުން. އެހެންވީމާ އަޅުގަނޑުމެންގެ މި ބަދަލުތައް ބައިބަޔަށް، ނުވަތަ ޕޯލްގެ މަސައްކަތްތަކަށް ފަސޭހަވެގެންދާނެ ގޮތަކަށް މަޝްވަރާކުރެވިގެންދާނީ. މި ވަގުތަށް ދަންނަވާނީ 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ޓީމުގައި ވެސް އޮންނާނީ މިހާރު އޮތް ޓެކްނިކަލް ޓީމު. 23 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމަށް ބަދަލެއް މި އަންނަނީ މިހާރު ހުރި ކޯޗުގެ ކޮންޓްރެކްޓް ހަމަވީމަ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި އިންޓަ މިލާން ފަދަ ބޮޑެތި ކްލަބުތަކަކާ އެކު ކާމިޔާބީތަކެއް ހޯދާފައިވާ މޮރިއޭރޯ، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމާ ހަވާލުވީ ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2021 އަށް ފަހުއެވެ.

އެ މުބާރާތަށް ރާއްޖެ ނުކުތީ އެސިސްޓަންޓް ކޯޗަކަށް ހުރި ތަޖުރިބާކާރު ދިވެހި ކޯޗު ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ.

މޮރިއޭރޯ ހަވާލުވުމަށް ފަހު، އޭނާގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕަކީ އިންޑިއާގައި މި އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތް ވެގެން ގޮސްފައިވަނީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް އެންމެ ނާކާމިޔާބު މުބާރާތަށެވެ. އެއީ، ރާއްޖެއަށް ގްރޫޕު ސްޓޭޖުން ނިންމާލަން ޖެހުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ.

comment ކޮމެންޓް