ފާއިތުވެދިޔަ 10 އަހަރެއްހާ ދުވަހު ރާއްޖޭގައި ކުޅެވުނު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތްތަކުން ހުނަރުވެރި އެތައް ކުދިންނެއް މީހުންގެ ސަމާލުކަން ދަމައިގަތެވެ. އޭރު މީހުން ގަބޫލުކުރި ގޮތުގައި އެ ޖީލުގެ ކުދިން ރާއްޖޭގެ ފުޓުބޯޅަ "ބަދަލުކޮށްލާނެ" އެވެ.
ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި އަބަދުވެސް އުފެދެއެވެ. އަތޮޅުތެރޭގައި ވެސް މޮޅެތި އެތައް ކުޅުންތެރިންނެއް އެބަ އުޅެއެވެ.
އެހެން ނަމަވެސް، އެ ކުދިން ޒުވާން އުމުރަށް އަޅައި ވަޒީފާގެ މާހައުލަށް ދާން ޖެހުމުން ފުޓުބޯޅަ ދަނޑުން ގެއްލެނީއެވެ. ފުޓުބޯޅަ ކުޅެން ދާން ކިތަންމެ ބޭނުންވިޔަސް، ދަނޑު އޮތް ފަޅިއަށް ބޯ ވެސް ނުލެވެނީ އެ ކަމުން ފައިސާ ނުލިބޭތީއެވެ.
ރާއްޖޭގެ ފުޓުބޯޅައަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ މިހާރު މިއެވެ. ކުލަބުތަކުގައި ފައިސާ ނެތުމެވެ. އެފްއޭއެމްގައި ވެސް ފައިސާ ނެތުމެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ޕްރޯ ލައިސެންސް ކޯޗް މުހައްމަދު ޝާޒްލީ ދެކޭ ގޮތުގައި އެފްއޭއެމްއިން އިން ކުޅުންތެރިންނަށް ދޭން ޖެހޭ މިނިމަމް ސެލެރީއެއް ކަނޑައަޅަންޖެހެއެވެ.
"މިހާރު ފުޓުބޯޅަ މިއޮތް ވަރުން، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފުޓުބޯޅަ ކުޅޭނެ ކުދިންނެއް ނުލިބޭނެ ރާއްޖެއަކުން އެންމެ ކުޑަވެގެން ޕްރިމިއާ ލީގުގައި 30،000 ރުފިޔާގެ މުސާރައެއް ނުލިބޭ ކަމުގައިވާނަމަ"،
"ސްކޫލު ނިމިގެން، ކޮންމެ ކުއްޖަކު ވެސް ފީލްޑެއް ޗޫޒް ކުރާނެ. ކުރާއިރު، ފުޓުބޯޅަ ޗޫޒް ކުރެވޭކަށް ނޯންނާނެ ކިތަންމެ ބޭނުންވިޔަސް" އޭނާ ބުންޏެވެ.
ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިންނާއި، ޓެކްނިކަލް މީހުންނާއި ކޯޗުން ވެސް ބޯކޮށް އެބަތިއްބެވެ. ނެތީ ކުޅުންތެރިންނަށް ކުޅެވޭނެ ގޮތެކެވެ. ކޯޗުންނަށް ކޯޗު ކޮށްދެވޭނެ ގޮތެކެވެ.
ޒުވާން އުމުރަށް އަޅައި ވަކި ހިސާބަކުން، ފުޓުބޯޅަ ދޫކޮށްލަން މަޖުބޫރުވަނީ އެކި ސަބަބުތަކާ ހެދިއެވެ. ފައިސާ ނުލިބޭތީ އާއިލާގެ ޕްރެޝަރު ބޮޑުވެއެވެ. ދިިރިއުޅުމުގެ ޚަރަދުތައް އިންތިހާއެވެ. ފުޓުބޯޅަ ކިތަންމެ މުހިންމު ވިޔަސް، ފައިސާއާ ނުލައި އެ ކަމެއް ވެސް ނުވެއެވެ.
ޝާޒް ބުނީ ފުޓުބޯޅައަކީ ދިވެހީންގެ ޝައުގުވެރިކަން ހުރި ކަމެއް ކަމާމެދު ޝައްކެތް ނެތް ކަމަށެވެ. އެހެންވެ، އެ ކަމުން ފައިސާ ހޯދަން މަސައްކަތްކޮށްފި ނަމަ އެ ކަން ވާނެ ކަން އޭނާ ގަބޫލު ކުރެއެވެ.
"ކީއްވެހޭ ގަލޮޅު ދަނޑު ފުރިފަ، ހުސްވީ. ކުޅުންތެރިންނަށް ކުރީގައި މުސާރަ ދީފަ މިހާރު ނުދެވެންވީ،" ޝާޒް އުފެއްދީ ސުވާލުތަކެކެވެ.
އޭނާ ބުނި ގޮތުގައި ހަމައެކަނި ސްޕޮންސަރުންނަށް ބަރޯސާވުމުގެ ބަދަލުގައި، ފުޓުބޯޅައިގެ ޕްރޮޑަކްޓު ވިއްކައިގެން، މާކެޓުކޮށްގެން ފައިސާ ހޯދަން ޖެހެއެވެ.
"ކުރުކޮށް ބުނަންޏާ ކުރަން މިޖެހޭ ކަަމަކީ ބިޒްނަސް ޕްލޭނެއް ތައްޔާރުކުރުން. އެކަން ކުރެވޭ ވަރުގެ އެކްސްޕާޓުން އެބަތިބި ދޯ ރާއްޖޭގަ ވެސް. ނޫނީ ރާއްޖެއިން ބޭރުން ވެސް ހޯދިދާނެ" އޭނާ ބުންޏެވެ.
ޝާޒް ގަބޫލުކުރާ ގޮތުގައި މައްސަލައަކީ އެފްއޭ އެކަންޏެއް ނޫނެވެ. މައްސަލަ އޮތީ މުޅި ސިސްޓަމުގައެވެ. މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޝަނާއި މާކެޓިން ބޮޑުތަނުން ރަނގަޅު ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު އެކަން ކުރެވޭނީ ހިތުގެ އަޑިން ފުޓުބޯޅަ ކުރިއަރުވަން ބޭނުންވެގެން،" ޝާޒް ބުންޏެވެ.
އެފްއޭއެމްގެެ ހިންގުން މިހާރު އޮތީ ވަރަށް ދޯހަޅިކޮށްނެވެ. ކްލަބްތަކަށް ދޭން ޖެހޭ ފައިސާ ބަރާބަރަކަށް ނުދެވެއެވެ. މުވައްޒަފުންނަށް މުސާރަ ނުދެވޭތާ ފަސް މަހަށް ވުރެ ގިނަ ދުވަސްވީއެވެ. ގައުމީ ޓީމުގެ ކޯޗުންނަށާއި އޮފިޝަލުންނަކަށް މުސާރައެއް ނުދެއެވެ. ރެފްރީންނަށް ވެސް ދޭން ޖެހޭ ފައިސާ ބޮޑެތި އަދަދުން ވެސް އެބަހުއްޓެވެ.
އެފްއޭއެމްގައި ކުރިން މަސައްކަތް ކުރި ފުޓުބޯޅައިގެ ތަޖުރިިބާކާރަކު ބުނީ އެފްއޭއެމް އޮތީ ފެއިލްވެފައި ކަމަށެވެ. އަދި ރާއްޖޭގެ ފުޓުބޯޅައިގައި ހުރި މައްސަލަތަކުގައި ކްލަބްތަކުގެ ޒިންމާ ވެސް ބޮޑު ކަމަށް އޭނާ ބުންޏެވެ.
"ފުރަތަމަ އެފްއޭއެމްގެ ހިންގުން ވަރުގަދަ ކުރަންވީ. އިދާރީ ކަންތައްތައް ރަނގަޅު ކުރަންވީ. އެކަންކޮށްފައި ދެން އެއަށް ވުރެ މައްޗަށް ހުރި ކަންކަން ކުރެވޭނީ"،
"އެފްއޭއިން ލާރި ނުދީފިއްޔާ ކުލަބުތަކުގައި ނުހުރޭ ފައިސާއެއް. ދެން އެފްއޭއަކަށް ވެސް ނުދެވޭ އެ ލާރިއެއް. އެ ނުލިބޭތީ މުސާރައެއް ނުދެވޭ" އޭނާ ބުންޏެވެ.
ޝާޒް ބުނާ ވާހަކައާ ހިސާބަށް ދާން ޖެހެނީ އެ ހިސާބުންނެވެ. ފުޓުބޯޅަ މެޗުތައް ބަލަން ދަނޑަށް މީހުން ވަންނަން ޖެހޭ ސަބަބެއް ދައްކަން ޖެހެއެވެ. ކުޅުންތެރިންގެ ޖޯޒީ ގަނެ، ކްލަބްތަކުގެ މެންބަރުންނަށް ވާން ޖެހޭ ސަބަބު ދައްކަން ޖެހެއެވެ.
"މި ކަންކަމަށް ރަނގަޅު މަސައްކަތެއް ނުކުރެވިއްޖެއްޔާ ސާފް ސަރަހައްދުގައި އޮތް އެންމެ ދަށް ގައުމަށް ރާއްޖެ ވާނެ. އެހެން ހުރިހާ ގައުމެއްގައި ރަނގަޅު ސިސްޓަމެއް އެބައޮތް،" ޝާޒް ބުންޏެވެ.
ރާއްޖޭގެ ފުޓުބޯޅަ ދަށްވާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ރާއްޖޭން ބޭރުން ޓެކްނިކަލް ދާއިރާގެ ކޮންމެވެސް މީހަކު ގެނެއެވެ. އެކަމަކު، ހަގީގަތުގައި މައްސަލަ އޮތީ ޓެކްނިކަލް ދާއިރާގައެއް ނޫނެވެ.
ރާއްޖޭގެ ފުޓުބޯޅަ ވިއްކަން އެބަޖެހެއެވެ. އެ ކަން ކުރެވޭނީ ހިންގުންތެރިކަން ރަނގަޅުކޮށްގެންނެވެ. ކުޅުންތެރިންނަށް މުސާރަ ދެވޭނީ ވެސް ފުޓުބޯޅަ ވިއްކައިގެން ފައިސާ ހޯދައިގެންނެވެ. އަބަދު ސްޕޮންސަރުންނަށް ބަރޯސާވެގެން ތިބޭނަމަ އަޑިއަޅައިލާނެ ވަގުތެއް ނޭނގޭނެއެވެ.