ޔުނައިޓެޑުން ޑެހެއާއަށް ބޮޑު އިހުތިރާމެއް ހައްގު: ފޮސްޓާ

ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑުން ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާއަށް ބޮޑު އިހުތިރާމެއް ހައްގުވާ ކަމަށް އެ ކްލަބަށް ކުރިން ކުޅުނު އަދި މިހާރު ރެކްސްހަމްއަށް ކުޅެމުންދާ ގޯލްކީޕަރު ބެން ފޮސްޓާ ބުނެފިއެވެ.

މިދިޔަ ސީޒަން ނިމުމާއެކު ޑެހެއާ ވަނީ 12 އަހަރަށްފަހު ޔުނައިޓެޑް ދޫކޮށްލައިފައެވެ. ޑެހެއާގެ ބަދަލުގައި ޔުނައިޓެޑުން އިންޓަ މިލާންގެ ކެމަރޫން ގޯލްކީޕަރު އަންދްރޭ އޮނާނާ ގެނައުމަށް މަސައްކަތް ކުރަމުންދާ އިރު، އޭނާ ޔުނައިޓެޑަށް ސޮއިކުރުމާ ގާތަށް ޖެހިލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފޮސްޓާ ދިން އިންޓަވިއުއެއްގައި ބުނީ ޑެހެއާއާ މެދު ޔުނައިޓެޑުން އަމަލުކުރީ ރަނގަޅަށް ނޫން ކަމަށާއި އޭނާއަކީ ދިގު މުއްދަތަކަށް ޔުނައިޓެޑަށް ބޮޑު ހިދުމަތެއް ކޮށްދިން ކުޅުންތެރިޔަކަށްވުމުން އަގުވަޒަން ކުރަން ޖެހޭނެ ކަމަށެވެ.

"ޑެހެއާ ހޭދަކުރި މުއްދަތަށް ބަލާފައި އޭނާއަށް މިހާރަށްވުރެ ބޮޑު އިހުތިރާމެއް ދޭން ޖެހޭނެ. ބައެއް ފަހަރު ވާގޮތަކީ ކްލަބުތަކުން ބޮޑު އަގެއް ދީފައި ގެންނަ ކުޅުންތެރިންނަށް ސަޕޯޓަރުންގެ ފުރައްސާރައާ ކުރިމަތިވުން. ނަމަވެސް ޑެހެއާއަކީ ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ޔުނައިޓެޑަށް ކުޅެ، ގިނަ އަހަރުތަކެއްގައި އެ ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ކުޅުންތެރިއެއް. ފެނިގެން އެދަނީ މަޔޫސީ މަންޒަރެއް،" ފޮސްޓާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު ޑެހެއާއަށް ލިބިގެންދިޔަ ނަމަވެސް، ބައެއް މެޗުތަކުގައި އޭނާގެ ފަރާތުން ފެނުނު ގޯސްތަކުގެ ސަބަބުން ސަޕޯޓަރުންގެ ފަރާތުން ވަނީ ގިނަ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ.

އުމުރުން 32 އަހަރުގެ ޑެހެއާ ކްލަބު ދޫކޮށްލާފައިވަނީ މިދިޔަ ސީޒަނަށްފަހު، ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމުންނެވެ. އޭނާ ދެން ގުޅޭނެ ކްލަބެއް އަދި ނިންމައިފައެއް ނުވެއެވެ.

comment ކޮމެންޓް