ގދ. ތިނަދޫގައި ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ އިންޑިއާގެ ދެ މީހަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާންކޮށްފިއެވެ.
އިމިގްރޭޝަނުން ހޯދަން އިއުލާންކޮށްފައިވަނީ އިންޑިއާގެ ޒުވާން ފިރިހެނަކާއި އޭނާގެ ބައްޕައެވެ. އެއީ އިލިޔާސް އަންސާރީ ކާލިއާތު ކޮޔާ، 34 އާއި އޭނާގެ ބައްޕަ ކޮޔާ ކާލިއާތު ހާލިދު، 75 އެވެ.
އެ ދެ މީހުން ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އިއުލާންކޮށްފައިވެއެވެ. ނަމަވެސް، އެ މީހުން މީގެ ދެ ދުވަހެއް ކުރިން ފުރައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެެ.
މި ކަމާ ގުޅިގެން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ، އެ ފަދަ ވާހަކަތަކެއް ރަށުތެރޭގައި ދެކެވޭ ކަމަށާއި ނަމަވެސް އެއީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކަށް ވާތީ އެ ކަމާ ގުޅިގެން ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެ ރަށުގެ ސަހަރާގައި މަހާނައެއްގެ ކައިރީގައި ރޭގަނޑު ބަޔަކު ތިބި ވީޑިއޯ އާއި ފޮޓޯތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފެތުރިފައެވެ.
އެ ރަށު މީހަކު ކަށަވަރު ކޮށްދޭ ގޮތުގައި އިމިގްރޭޝަނުން ހޯދަން އިއުލާންކުރި ދެ މީހުންނަކީ އެ ރަށުގައި އުޅެފައި ދިޔަ ދެ މީހުންނެވެ. އެހެން ނަމަވެސް، ރަށު ތެރޭގައި އެ ވާހަކަ ދެކެވެން ފަށައި ރަށް ހަލަބޮލިވާން ފެށުމުން އެ މީހުން ވަނީ ފުރައިފައެވެ.