ކުނި މެނޭޖްކުރުމަށް ކައުންސިލްތަކަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ!

ކުނި މެނޭޖްކުރުމަށްޓަކައި ގްރީން ފަންޑުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މާހިލް އާތިފް

ކުނީގެ މައްސަލަ ހައްލުކުރުމަށް ގްރީން ޓެކްސް އާމްދަނީން ކައުންސިލްތަކަށް 30.8 މިލިއަން ރުފިޔާ ހަވާލުކޮށްފިއެވެ.

ކުނި މެނޭޖްކުރުމަށްޓަކައި ގްރީން ފަންޑުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާގައި ރަސްމީކޮށް އެކަން އިއުލާނުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ގްރީން ފަންޑުގެ ދަށުން ރަށް ރަށުގެ ކުނި މެނޭޖްކުރުމަށް ހަވާލުކުރާ 30.8 މިލިއަން ރުފިޔާ ވަކި އުސޫލެއްގެ ތެރެއިން ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި މި ފައިސާ ނިންމުމަށް ކަނޑައަޅާފައި ވަނީ އެ ރަށެއްގެ ބޮޑު މިނަށާއި، އާބާދީއަށާއި ގޭބީސީތަކުގެ މައްޗަށް ބިނާކޮށް، އަދި މިހާރުވެސް ކުނި މެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ މިންވަރަށް ބަލާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި އެކަމަށް އަޅުގަނޑުމެން ކަނޑައަޅައިފައި އޮތް އަންދާސީ ޚަރަދުތަކަށް ބެލުމަށްފަހު ކައުންސިލްތަކަށް ބަހާނީ. އަޅުގަނޑުމެން އަހަރުގެ މިހާ ހިސާބަށް މަސައްކަތް ކޮށްފައިވާނީ ރަށުގެ ކައުންސިލްތަކާއެކު މިދެންނެވި ޑޭޓާއަށް ބަލާފަ ވަކި އުސޫލެއް ކަނޑައަޅައިގެން މިކަންކަން ކުރުމަށް،" ޝައުނާ ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމަށްޓަކައި ގްރީން ފަންޑުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު--- ސަންފޮޓޯ

މިނިސްޓަރު ވަނީ އެ މަސައްކަތުގައި ކައުންސިލްތަކުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަކީ ޚަރަދު ބޮޑު މައްސަލައެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ގައުމެއްގައި ކުނިމެނޭޖް ކުރުމަކީ ބުރަ އަދި ޚަރަދުވެސް ބޮޑުކަމެއް ކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެއްކަމުން ކުނީގެ މައްސަލަ ހައްލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުނީގެ މައްސަލަ ހައްލުކުރުމަކީ ގައުމީ ފެންވަރުގެ އިތުރުން، ރަށު ފެންވަރުގައާއި ގެބިސީ ފެންވަރުގައި ކުރަން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރަށްރަށުގެ ކައުންސިލްގެ ރައީސުން ވަނީ އޮންލައިންކޮށް ބައިވެރިވެފައެވެ.

comment ކޮމެންޓް