އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ކްލަބު އީގަލްސް ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސަސްގެ މައްޗަށް އީގަލްސް އިން ކުރި ހޯދީ 7-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވެސް އަނިޔާވެފައިވާ ސަސްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ފެނިފައެއް ނުވެއެވެ.
ގިނަ ގޯލުތަކެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ހަތް ގޯލު ފެނިގެންދިޔައެވެ. އެގޮތުން މެޗު ފެށިތާ ހަ މިނެޓުގެ ތެރޭގައި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ އީގަލްސްއަށް ލީޑު ހޯދައިފީއެވެ. މެޗުގެ 20 ވަނަ މިނެޓުގައި ފްރެންކާ ކޮއެލްހޯ އިވާން ކާލޯސް އީގަލްސްއަށް ލީޑު ފުޅާކޮށްދިން އިރު، އޭގެ ތިން މިނެޓު ފަހުން ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) ވަނީ އީގަލްސްއަށް ތިން ގޯލުގެ ލީޑެއް ހޯދައިދީފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި އީގަލްސްގެ ހަތަރުވަނަ ގޯލު ފެނިގެންދިޔައީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ ފަރާތުންނެވެ. އަދި ފުރަތަމަ ހާފުގައި އީގަލްސްގެ ފަސްވަނަ ގޯލު، މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒަައިން ޒަފަރެވެ.
އީގަލްސް އިން ފަސް ގޯލުގެ ލީޑެއް ހޯދާފައިވަނިކޮށް، ފުރަތަމަ ހާފު ނިމެނިކޮށް ސަސް އިން ވަނީ ދެ ގޯލު ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި ސަސްގެ ފުރަތަމަ ގޯލު އަހުމަދު ހުސާމް ކާމިޔާބުކޮށްދިން އިރު، މެޗުގެ 43 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ނަސޫހު ރަޝީދެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 5-2 ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް އީގަލްސްގެ ދެ ގޯލެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ އިވާން އިތުރު ގޯލެއް ކާމިޔާބުކޮށްދިން އިރު، މެޗުގެ 80 ވަނަ މިނެޓުގައި އީގަލްސްގެ ހަތްވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ކެޕްޓަން ރިޒޭއެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުގައި ސަސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގު ހަސަނެވެ.
އެ ނަތީޖާއާއެކު އީގަލްސް އޮތީ ހަތަރު މެޗުން ހޯދި ދިހަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.