''ސަން ސިޔާމް ދ. މީދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް 2023''ގެ ޗެމްޕިއަންކަން ޔަންގް ސްޓާއަށް

"ސަން ސިޔާމް ދ. މީދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް 2023"ގެ ޗެމްޕިއަން ޓީމް ޔަންގް ސްޓާ ސްޕޯޓްސް ކްލަބް ---

"ސަން ސިޔާމް ދ. މީދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް 2023"ގެ ޗެމްޕިއަންކަން ޔަންގް ސްޓާ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ޔަންގް ސްޓާ ސްޕޯޓްސް ކްލަބުން ޗެމްޕިއަންކަން ހޯދީ މީދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޕަލެސްޓީނިއަންސް ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.

ފައިނަލް މެޗުން ޔަންގް ސްޓާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ޔަންގް ސްޓާގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ފަރުހާން އިބްރާހީމް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޒަޔާން ނަސީރެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި ޖުމުލަ ފަސް ޓީމެއް ވާދަކުރިއެވެ. ލީގު އުސޫލުން ކުރިއަށްގެންދިއުމަށްފަހު، ފައިނަލުގައި ވާދަކުރީ ލީގު ބުރުން އެންމެ ކުރީގައި އޮތް ދެ ޓީމެވެ. ލީގު ބުރުގެ އެއްވަނަ ޕަލެސްޓީނިއަންސް ހޯދި އިރު، ޔަންގް ސްޓާ އަކީ ދެވަނަ ހޯދި ޓީމެވެ. ދެ ޓީމު ވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތް އިރު، ޕަލެސްޓީނިއަންސް ކުރީގައި އޮތީ ފައިދާ ގޯލުގެ ތަރާތުންނެވެ.

ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދުގެ އެހީތެރިކަމާއެކު ދ. މީދޫ ކައުންސިލުން އިންތިޒާމުކުރި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޔަންގް ސްޓާ ސްޕޯޓްސް ކްލަބަށް ވަނީ ފައިސާގެ އިނާމެއްގެ ގޮތުގައި 30،000 ރުފިޔާ ދީފައެވެ. އަދި ރަނަރަޕްކަން ހޯދި ޕަލެޓީނިއަންސް ސްޕޯޓްސް ކްލަބަށް ދީފައިވަނީ 12،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޔަންގް ސްޓާގެ ޒަޔާން ނަސީރެވެ. ފެއާޕްލޭ ޓީމަކަށް ވެސްޓްމެރިން ހޮވުނު އިރު، ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ފެރާރީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް އާލިމެވެ. އަދި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕަލެސްޓީނިއަންސްގެ އަބްދުﷲ ޔާމީން ޔޫނުސްއެވެ.

"ސަން ސިޔާމް ދ. މީދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް 2023"ގެ އެންމެ މޮޅު ކުޅުންތެރިޔާ ----

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރާއި ޑިފެންޑަރާއި މިޑްފީލްޑަރު އަދި ފޯވަޑް ވެސް ވަނީ ހޮވައިފައެވެ. އެ މަގާމުތަކަށް ހޮވިފައިވަނީ ޕަލެސްޓީނިއަންސްގެ ގޯލްކީޕަރު ޠާއިފް އަލީ ނަސީމާއި ޕަލެސްޓީނިއަންސްގެ ޑިފެންޑަރު ވަދީއު މުހައްމަދާއި ހަމަ އެޓީމުގެ މިޑްފީލްޑަރު ޒިދާން ނަސީރު އަދި ޔަންގް ސްޓާގެ ފޯވަޑް ޒަޔާން ނަސީރެވެ. އަދި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ކްލަބު ޖަގުއާގެ ސްރީލަންކާ ކުޅުންތެރިޔާ ކަވިންދޫ އިޝާނެވެ.

comment ކޮމެންޓް