ކޮމިޓީތައް އެކުލަވާލަން ބާއްވާ ދައުރުން ބޭރު ދެވަނަ ޖަލްސާ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދަފްތަރަށް އައިސްފައިވާ ބަދަލާއެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާކޮށް އަންނަ ހޯމަ ދުވަހަށް މަޖިލީހުގެ ދައުރުން ބޭރު އިތުރު ޖަލްސާއެއް ތާވަލް ކޮށްފިއެވެ.

އެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ އެކަންޏެވެ.

މަޖިލީހުގެ މި ދައުރުގެ ގިނަ މަސައްކަތްތައް ނުނިމި ހުރުމާއެކު އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ދައުރު ދަންމާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް ރައީސް ނަޝީދު އެކަމާ ދެކޮޅު ހެއްދެވުމުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން ހުށަހަޅާފައެވެ.

މިދިޔަ ހޯމަ ދުވަހު ދައުރުން ބޭރު ފުރަތަމަ ޖަލްސާ ބާއްވާފައި ވީ ނަމަވެސް ފެށިތާ ދެ މިނެޓު ނުވަނީސް ޖަލްސާ ވަނީ ނިންމާލާފައެވެ.

ރައީސް ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެފައިވާތީ އެ ޖަލްސާގެ ރިޔާސަތުގައި އިންނެވިި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ މިހާރު އޮތް ގޮތަށް ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެން ނެތް ކަމަށެވެ.

އެ ބަދަލާ ގުޅިގެން ދާއިމީ ކޮމިޓީތައް އެކުލަވާލަން ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެ އަފީފު ވަނީ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމަވާފައެވެ. އޭނާ ވިދާޅުވީ ޖަލްސާ ކުރިޔަށް ގެންދެވެނީ މި ބަދަލުތަކާ އެކު މެމްބަރުންނަށް އަލުން ރިޕޯޓު ސާކިލޭޓު ކުރުމަށް ފަހު، އެއަށް އިސްލާހު ހުށަހެޅިގެން ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ އެއީ މަޖިލިސް ކުރިއަށް ނުގެންދިޔުމަށް ރައީސް ނަޝީދު ގަސްތުގައި ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ ރިޔާސަތަށް ތުހުމަތުތަކެއް އަމާޒުކޮށްފައެވެ.

އެގޮތުން، މަޖިލީސް ޗުއްޓީގައި ވަނިކޮށް ޖަލްސާގެ ނޯޓިސް ވެސް މެންބަރުންނަށް ފޮނުވާފައި ވަނީ ވަރަށް ކުއްލި ގޮތަކަށް ކަން ފާހަގަކުރައްވައި އަސްލަމް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގެ ތާވަލާއި އެ ޖަލްސާތަކުގައި ހިމަނާ މައްސަލަތައް ކުރިއާލާ އެނގޭގޮތަށް، ލިއުމުން ހިއްސާކުރުމަށް އަސްލަމް ވަނީ މަޖިލީހުގެ އަމީންއާންމު ފާތިމަތި ނިއުޝާގެ އަރިހުން އެދިވަޑައިގެންފައެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ބާއްވާ ދައުރުން ބޭރު ޖަލްސާތަކުގެ ތާވަލާއި އެޖަލްސާތަކުގެ އެޖެންޑާގައި ހިމަނުއްވާނޭ މައްސަލަތައް ކުރިއާލާ އެނގޭނެ ގޮތައް ލިޔުމުން ހިއްސާކޮށްދެއްވުމަކީ މުހިންމު ކަމެއްކަމަށް ދެކޭތީ، އިސްވެ ދެންނެވުނު މައުލޫމާތު ދެން އޮންނަ ޖަލްސާއެއްގެ ކުރިން، ދުރާލާ ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕަލިމަންޓްރީ ގްރޫޕާ ހިއްސާކޮށްދެއްވުން އެދެމެވެ." އެ ސިޓީގައިވެއެވެ.

މަޖިލިސް ޑެޑްލޮކަށް ދިޔައީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން އިސްވެ ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގައި ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެެރިވެވަޑައިގެންނެވުމުންނެވެ.

comment ކޮމެންޓް