ދަރިވަރުންގެ ސެޓިފިކެޓްތައް ސެންޓަރުތަކަށް ފޮނުވުމަށް ޕޯސްޓް ލިމިޓެޑާއި އެޑިއުކޭޝަން މިނިސްޓްރީ އެއްބަސްވުމަކަށް

ދަރިވަރުންގެ ސެޓިފިކެޓްތައް ސެންޓަރުތަކަށް ފޮނުވުމަށް ޕޯސްޓް ލިމިޓެޑާއި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެއްބަސްވުމެއް ހަދާފަ -- ސަން ފޮޓޯ

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ) ހިންގާ އިމްތިހާންތަކުގައި ބައިވެރިވާ ދަރިވަރުންގެ ސެޓިފިކެޓްތައް ރައްކާތެރިކަމާއެކު އަތޮޅުތެރޭގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމަށް ޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން އާއި ޕޯސްޓްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު އިހުސާން ވިދާޅުވީ، މީގެ ކުރިން ކޮންމެ އިމްތިހާނެއް ނިމި ސެޓްފިކެޓްތައް ޑީޕީއޭއަށް ލިބުމުން ސެންޓަރުތަކުން ހަވާލުވާން އަންގާ، ކޮންމެ ސެންޓަރަކުން ހަވާލު ވާނެ މީހަކު ޑީޕީއޭއަށް ފޮނުވަނީ ކަމަށެވެ.

އެހެން ނަމަވެސް އިތުބާރު ކުރެވޭ ފަރާތެއް ސެޓްފިކެޓާ ހަވާލުވާން ފޮނުވަން ދަތިވާ ފަހަރު މެދުވެރިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަވާލުވާ ފަރާތުގެ އިހުމާލުން ސެޓިފިކެޓްތައް ސެންޓަރުތަކަށް ނުގޮސް ގެއްލިފައި ހުރިކަން ވެސް އިހުސާނު ފާހަގަކުރެއްވިއެވެ.

"އަދި އަތޮޅުތެރޭ ދަތުރުފަތުރު ހުންނަ ގޮތުން މާލެއިން އެ ސެންޓަރުތަކަށް ސެޓިފިކެޓް ނުގެންދެވި ގިނަ ދުވަސް ވޭ. މީގެ ސަބަބުން ސެޓިފިކެޓް ބޭނުންވާ ދަރިވަރުންނަށް ސެޓްފިކެޓް ލިބުން ލަސްވެ، ދަތިތަކާ ކުރިމަތިލާން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓިފިކެޓް ފޮނުވަން ފެށުމާއެކު، ޑީޕީއޭއަށް ސެޓިފިކެޓް ލިބޭތާ 20 ދުވަސްތެރޭ ސެންޓަރުތަކާ ސެޓްފިކެޓް ހަވާލުކުރެވޭނެއެވެ.

comment ކޮމެންޓް