ދައުރުގެ ބޭރުން މަޖިލީހުގެ ޖަލްސާ މާދަމާއަށް ތާވަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ހުށަހެޅުމަށް, ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާ މާދަމާއަށް ތާވަލްކޮށްފިއެވެ.

އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ދައުރު ދަންމާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް ރައީސް ނަޝީދު އެކަމާ ދެކޮޅު ހެއްދެވުމުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ހުށަހަޅާފައެވެ.

އެކަން ހުށަހަޅާތާ 14 ދުވަހުގެ ތެރޭ ޖަލްސާ ބާއްވަން މަޖިލީހުގެ ގަވާއިދުން ލާޒިމް ކުރާ އިރު، އަންނަ ބުރާސްފަތި ދުވަހު އެ 14 ދުވަސް ހަމަވާނެއެވެ.

ދައުރުން ބޭރު ޖަލްސާ މާދަމާއަށް ތާވަލް ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.

މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުރުން ބޭރުން ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ވާނެ ކަމަށެވެ. ދައުރުން ބޭރު ޖަލްސާ ބާއްވަން ހުށަހަޅާފައިވަނީ 29 މެންބަރުންގެ ސޮޔާ އެކުއެވެ.

މަޖިލީހުގެ ދެވަނަ ދައުރު ނިންމާލާފައިވަނީ ހުށަހެޅި ގިނަ މަސައްކަތްތައް ނުނިންމައެވެ. ފާއިތުވި މުޅި ޖޫން މަހު ކަހަލަ ގޮތަކަށް މަޖިލިސް އޮތީ ޑެޑްލޮކެއްގައެވެ.

މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވަނީ މަޖިލީހުގެ ދަފްތަރަށް އައި ބަދަލާއެކު ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ނުދާތީއެވެ. އޭގެ އިތުރުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ވެސް ހުށަހަޅާފައިވާއިރު، އެއިން އެއްވެސް މައްސަލައެއް ކުރިއަށް ނުދެއެވެ.

މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ހަތަރު މައްސަލައެއް މި ވަގުތު ކުރިއަށް ނުގޮސް އެބަ އޮތެވެ.

މަޖިލީހުގެ ޑެޑްލޮކަށް ގެންދިއުމުގެ ތުހުމަތު އެމްޑީޕީން ކުރަނީ ރައީސް ނަޝީދަށެވެ. އިދިކޮޅުން ބުނަމުންދަނީ އެއީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ނުފޫޒުން އެމްޑީޕީ މެންބަރުން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

comment ކޮމެންޓް