މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓަކީ ފުރާނައެއް ނުރައްކަލަށް ހުށަހެޅެން މެދުވެރިވި ހާދިސާއެކެވެ.
ފޮޓޯ އާއި ޕްރިންޓިންގެ މަސައްކަތް ކުރާ ސްޓޫޑިއޯއެއްގައި ވަޒީފާއަދާކުރަމުން އައި އުމުރުން އެންމެ 19 އަހަރުގެ އަހްމަދު ނޫރު ނާދިމްގެ ފުރާނަ މަރުގެ ތުންފަތް މައްޗަށް ހުށަހެޅެން ފަޅި ސިކުންތެއް ވެސް ނުނަގައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގުލްހަޒާރުމާހިންގުމާއި ދުނބުރިގަސް މަގު ގުޅުނު ކަންމަތިން އެ އެކްސިޑެންޓް ހިނގީ އެ ދުވަހުގެ ހެނދުނު 8:51 ހާއިރެވެ.
އެކްސިޑެންޓް ހިނގުމާއެކު ނޫރުގެ ހަށިގަނޑުގެ އެތައް މިތަނަށް ލިބިފައިހުރި ޒަޚަމްތަކާއެކު ހަށިގަނޑުން މަނާވުމެއް ނެތި އެއިރު ލޭ އަންނަނީއެވެ.
އެ ހާދިސާ ހިނގުމާއެކު އެމަޖެންސީގައި އެންމެ ފުރަތަމަ ވެސް އޭނާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެއަށް ފަހު އައިޖީއެމްއެޗަށް ގެންގޮސް ދަރުމަވަންތަ ހޮސްޕިޓަލުން ވަނީ އޮޕަރޭޝަން ކޮށްފައެވެ. އެއަށްފަހު ހާލު ދަށްވުމުގެ ސަބަބުން މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.
ނޫރަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ބޮލުގެ އެކި ތަންތަނަށް ލިބިފައިހުރި އަނިޔާތައް ހިމެނެއެވެ. އަދި ތިރީ ދަތްދޮޅީގެ ކަށިގަނޑަށް ވެސް ގެއްލުންވެފައިވެއެވެ.
ހަމައެއާއެކު ފުއްޕާމެއަށް ވެސް ގެއްލުންވެފައިވާއިރު ފައިގެ ފަލަމަސްގަނޑުގެ ކަށިގަނޑުގެ މެދާ ހިސާބުން ބިންދައިގެން ގޮސް ވަނީ ނުކުމެފައެވެ. އަދި މައިބަދައަށް ވެސް ބައެއް އަނިޔާތައް ލިބިފައިވެއެވެ.
މިހާރު ވެސް އައިސީޔޫގައި އޭނާއަށް ފަރުވާ ދެމުން އަންނައިރު އަދިވެސް ވާހަކައެއް ނުދެކެވެއެވެ.
މީގެ އިތުރުން ހަށިގަނޑުގެ އެކި ދިމަދިމާއިން މަށައިގެން ގޮސް ފުން ޒަޚަމްތަކެއް ވެސް ނޫރަށް އެ އެކްސިޑެންޓުގައި ލިބިފައިވެއެވެ.
ނަމަވެސް ނޫރުގެ އާއިލާއިން ކިޔައިދިން ގޮތުގައި ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް ޓަކައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަކީ ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތެވެ.
އެކަމަކު މިއީ އޭނާގެ އާއިލާއަށް މާލީ ގޮތުން އުފުލަން ބުރަ ބޮޑު ކަމެއްކަމުން މިއަދު ނޫރުގެ އާއިލާއިން އެދެނީ ފަރުދުންގެ ދީލަތި އެހީއަކަށެވެ.
ބީއެމްއެލް ޑޮލަރު އެކައުންޓް: 7770000105490 (މުޙައްމަދު ނާދިމް)
ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް: 7770000012859 (އައިޝަތު ވަހީދާ)
އިތުރު މައުލޫމާތު ހޯދުމަށް: 9891989/ 9919988
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެ މީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެ މީހަކަށް ޤިޔާމަތް ދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާ ހުއްޓެވެ. އަދި، އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފި މީހަކަށް، ﷲ އެ މީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަ ކޮށްދެއްވާނެއެވެ. އަދި، މުސްލިމެއްގެ (ޢައިބު ފޮރުވައިދީފި މީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެ މީހެއްގެ ޢައިބު ފޮރުވައިދެއްވާ ހުއްޓެވެ. އަދި، ހަމަކަށަވަރުން އެ މީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަ މީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."