ސާފް ޗެމްޕިއަންޝިޕް: ރާއްޖެއިން ބޫޓާން ބަލިކޮށްފި، ތަރިއަކީ ކީޕަރު ހުސައިން

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޫޓާން ކޮޅަށް ގޯލު ޖެހުމަށްފަހު ރާއްޖޭގެ ހަމްޕު އުފާފާޅުކުރަނީ -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެއިން ކުޅުނު ފުރަތަަމަ މެޗުގައި ބޫޓާން ބަލިކޮށްފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެއިން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނުނީ ގޯލުކީޕަރު ހުސައިން ޝަރީފެވެ. އޭނާއަށް ރާއްޖޭގެ ގޯލުން ފުރުސަތު ލިބުނީ އަނިޔާއާ ގުޅިގެން ކީޕަރު މުހައްމަދު ފައިސަލަށް މުބާރާތް ގެއްލުމުންނެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މިރޭގެ މެޗުގެ ހަވަނަ މިނެޓުގައި ރާއްޖެއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން އެ ގޯލު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ރާއްޖެއަށް އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕުއަށް ބޫޓާންގެ ޓެންޒިން ޑޯޖީ ކުރި ފައުލަކާ ގުޅިގެންނެވެ.

ރާއްޖޭގެ އެ ގޯލަށްފަހު ރާއްޖޭގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައި ނުވާ އިރު، ބޫޓާންގެ ފަރާތުން ވަރުގަދަ އެޓޭކިން ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ބޫޓާނުން ކުރިއަށް ޖެހި، ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ވަނީ ފޮނުވާލައިފައެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ 22 ވަނަ މިނެޓުގައި ބޫޓާނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބޫޓާންގެ ކެޕްޓަން ކަރްމާ ޝެޑްރުޕް ޝެރިން ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ބޫޓާންގެ ޔެޝީ ޑޯޖީ ފޮނުވާލި ހަމަލާ ވެސް ކީޕަރު ހުސައިން ވަނީ މަތަކޮށްފައެވެ.

އޭގެ ދިހަ މިނެޓު ފަހުން ބޫޓާނަށް އިތުރު ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބޫޓާންގެ ޔެޝީ ޑޯޖީ ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ބޫޓާންގެ ޑޯޖީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ކީޕަރު ހުސައިންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޫޓާންގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދުމަށް ރާއްޖޭގެ ހައިޝަމް މަސައްކަތްކުރަނީ -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ ދެވަނަ ހާފުގައި ވެސް ނުރައްކާކޮށް ފެނުނީ ބޫޓާނެވެ. އެގޮތުން މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ތެރޭ ބޫޓާންގެ ނުރައްކަލެއް ފެނިގެނދްދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބޫޓާންގެ ޔެޝީ ޑޯޖީ ފޮނުވާލި އެ ހަމަލާ، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ މަތަކޮށްފައެވެ.

ބޫޓާންގެ އެންމެ ނުރައްކާތެރި ހަމަލާއެއް ދެން ފެނިގެންދިޔައީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން ބޫޓާންގެ ކިންގާ ވަންގްޗުކް ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ހުސައިން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޫޓާންގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ރާއްޖޭގެ ހަމްޕު މަސައްކަތްކުރަނީ -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ 75 ވަނަ މިނެޓުގައި ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލި ހަމަލާ، ބޫޓާންގެ ކީޕަރު ޝެރިންގް ޑެންޑުޕް ވަނީ މަތަކޮށްފައެވެ.

އޭގެ ފަސް މިނެޓު ފަހުން ރާއްޖެއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހަސަން ނާއިޒް (ދާދު) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ހަމަލާ، ބޫޓާންގެ ނިމާ ޝެރިންގް ވަނީ ބްލޮކްކޮށްފައެވެ.

ރާއްޖޭގެ ދެވަނަ ގޯލު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ދާދުއެވެ. އޭނާ އެ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ބޫޓާންގެ ކީޕަރު ޝެރިންގް ޑެންޑުޕް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޫޓާންއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ޓީމުގެ ފުރަތަމަ 11 -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރާއްޖޭގެ ހަންނަ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފައެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކި ފުރަތަަމަ ރީނދޫ ކާޑު ދެއްކިތާ މިނެޓެއް ތެރޭގައެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ދެން ކުރިއަށްދާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހުއެވެ. އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 3:00 ގައި ކުޅޭ "ގްރޫޕު އޭ" ގެ މެޗުގައި ޕާކިސްތާނާއި ކުވައިތު ބައްދަލުކުއާ އިރު، އެ ދުވަހުގެ ރޭ 7:00 ގައި ކުޅޭ "ގްރޫޕު އޭ" ގެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނޭޕާލެވެ. އަދި އަންނަ އާދީއްތަ ދުވަހުގެ ހަވީރު 3:00 ގައި ކުޅޭ "ގްރޫޕު ބީ" ގެ މެޗުގައި ބަންގުލަދޭޝް އާއި ރާއްޖެ ބައްދަލުކުރާ އިރު، އެ ދުވަހުގެ ރޭ 7:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބޫޓާނާއި ލުބުނާނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް އެސްއެސްނެޓްގެ ޗެނަލް ނަމްބަރު 10 އިން ފެންނާނެއެވެ.

comment ކޮމެންޓް