"ވެލިދޫ ޢީދު އުފާ 1444" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ނ. ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވެލިދޫ ޢީދު އުފާ 1444' ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

ވެލިދޫ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ޢީދު ފެސްޓިވަލްގައި ކޯޑި ކެނޑުން، މާލި ހެދުން އަދި ދަފި ނެގުން ފަދަ ޢީދުގަ ސަގާފީ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ.

މީގެ އިތުރުން ވާދެމުން، ފައިގަތަޅާ އަދި ބައިސްކަލް ސައިކަލް ރޭސް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ހަވާއެރުވުމާއި ޢީދު މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޑެޓިއުން ބޭންޑް އަދި ބިދަބިން ބޮޑުބެރު ގްރޫޕް ވެސް ބައިވެރިވާނެއެވެ.

މި އެއްބަސްވުމާ ގުޅިގެން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވީ މިފަދަ އިޖްތިމާޢީ އިވެންޓްތަކަށް ދިރާގުން އަބަދުވެސް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.

"އަޟްޙާ ޢީދުގެ ހަރަކާތްތަކަކީ އަޅުގަނޑުމެންގެ ސަގާފަތުގެ ވަރަށް މުހިންމު ބައެއް. އެގޮތުން މިފަދަ ކުލަގަދަ ޙަފްލާއެއް މުޖްތަމަޢުއަށް ގެނެސްދިނުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" އާތިފް ވިދާޅުވިއެވެ.

ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، މުޖުތަމަޢު ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. އެގޮތުން 'ވެލިދޫ ޢީދު އުފާ 1444' ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ކުލަގަދަ އިވެންޓަށް ސަޕޯޓްކުރުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ޢީދަކީ ވެލިދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ފޯރިގަދަ ޢީދަކަށްވުން،" އޭނާ ވިދާޅުވިއެވެ.

ދިރާގުން އަބަދު ވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިވާފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖްތިމާޢީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ކަމަށް ދިރާގުން ބުނެއެވެ.

comment ކޮމެންޓް