ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ބަލިވެ އުޅޭތީ، ވަގުތީގޮތުން އެ ކްލަބުގެ ކޯޗުކަމާ މުހައްމަދު ޝިޔާޒް (މޯހަން) ހަވާލުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ސާންތީ، ވަގުތީގޮތުން އީގަލްސްއާ ދުރަށް ދާން ނިންމާފައިވަނީ އޮޕަރޭޝަނެއް ކުރަން ޖެހޭތީއެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން ކުރާ އޮޕަރޭޝަނެއް ކަމެއް ކަށަވަރެއް ނުވެއެވެ.
ކުރިންވެސް އީގަލްސްއަށް އިރުޝާދުދީފައިވާ މޯހަން އަލުން އެ ކްލަބާ ހަވާލުވުމަށްފަހު "ސަން ސްޕޯޓްސް" އަށް މިއަދު ދިން އިންޓަވިއުއެއްގައި ބުނީ އީގަލްސްއާ ހަވާލުވާން ނިންމާފައިވާނީ ސާންތީ ރަނގަޅުވެގެން އެނބުރި އަންނަންދެން ކަމަށާއި ރަސްމީކޮށް ހަވާލުވީކީ ނޫން ކަމަށެވެ.
"މި ދުވަސްކޮޅަށް މި ހަވާލުވީ، ސާންތީ ރަނގަޅުވަންދެން މިކަން ކޮށްލަދޭން މި ނުކުންނަނީ. ސީދާ ކިހާ ދުވަހެއް ނަގާނެކަން ދަންނަަވާކަށް ނޭނގޭ. ކުރިއަށް އޮންނާނީ ސީޒަންގައި ކުރިއަށް ހުރި މެޗުތަކަށް ތައްޔާރުވުން،" މޯހަން ބުންޏެވެ.
ކްލަބު އީގަލްސްގެ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދެ ކޯޗަކީ ސާންތި އާއި މޯހަންއެވެ. އެގޮތުން މޯހަން ހޯދައިދިން ކާމިޔާބީތަކުގެ ތެރޭގައި އީގަލްސްއަށް 2019 ވަނަ އަހަރު ލީގުގެ ރަނަރަޕްކަން ހޯދައިދިނުމާއި 2020 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިނުން ހިމެނެއެވެ.