މި ސަރުކާރު ބޮޑު 'ޖަރާސީމަކަށް' ވެއްޖެ: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) -- ފޮޓޯ/ މަޖިލިސް

ދައުލަތުގެ ހުރިހާ ދިމާލަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި، މިއީ "ޖަރާސީމު" ސަރުކާރެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ހުރިހާ ގޮތަކަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މިއީ ޖަރާސީމު ސަރުކާރެއް އިއްޒަތްތެރި ރައީސް، ބޮޑު ޖަރާސީމަކަށް ވެއްޖެ މި ސަރުކާރު." މެންބަރު ވިދާޅުވިއެވެ.

ސަރުކާރުން އިލްކެޝަންސް ކޮމިޝަން (އީސީ) ފަދަ މިނިވަން މުއައްސަސާ ތަކަށް ނުފޫޒު ފޯރުވައިގެން ހިތު ހުރިހާ ގޮތަކަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކޮށް އޭނާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. މެންބަރު އިޝާރާތް ކުރައްވާފައި ވަނީ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދޭން އީސީން ދެކޮޅުހެދި މައްސަލައަށެވެ.

ޑިމޮކްރެޓްސް އުފައްދަން ބޭނުންވާ 3،000 މެންބަރުންގެ ފޯމު އެ ކޮމިޝަނަށް ހުށަހެޅިތާ ތިން ހަފުތާއަށް ވުރެ ގިނަ ދުވަސް ވީނަމަވެސް، ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިނުވާތީ އެ ޕާޓީގެ މެންބަރުން އިއްޔެ ވަނީ އީސީއަށް ގޮސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އީސީގެ ރައީސް ފުއާދު ތައުފީޤު ރޭ ވިދާޅުވީ، މި ވަގުތު ތިއްބެވި ހަތަރު މެމްބަރުންގެ ތެރެއިން ޑިމޮކްރެޓްސް އުފެއްދުމަށް ދިން ވޯޓު ވަނީ ދެ ވޯޓު، ދެ ވޯޓުން އެއްވަރު ވެފައި ކަމަށެވެ. އެހެންކަމުން ހުއްދަ ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އީސީން ބުނެފައިވަނީ ޝައްކުވާ ބައެއް ކަންތައްތަކެއް ހުރުމުން ފަސް މެންބަރުންގެ ކޮމިޓީއަކުން ފޯމުތައް އަލުން ބަލައި، ޗެކު ކުރަން ހުށަހަޅާފައިވާ ކަމަށާއި، އެ މަރުހަލާ ފުރިހަމަ ވުމުން ޕާޓީ އުފެއްދުމުގެ ހުއްދަ ދޭނެ ކަމަށެވެ.

https://sun.mv/178797

އެކަމާ ގުޅިގެން މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ޕާޓީ ފަހަތަށް ނުޖެއްސޭނެ ކަމަށެވެ. ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ތުހުމަތުކުރައްވާ ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވަނީ ސީދާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަންގަވައިގެންނެވެ.

އެގޮތުން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ގާނޫނުއަސާސީގެ ދަށުން ތިންބާރު ވަކިވެފައިވާ ކަމަށާއި، އެއްބާރު އަނެއް ބާރުގެ ތެރެއަށް ނޫފޫޒު ފޯރުވުން ބަލައި ނުގަނެވޭނެ ކަމަށެވެ.

"އިމްތިޔާޒްގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ޖެހޭނަމަ ހުށަހަޅަންވީ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މައްސަލަ،" އަލީ އާޒިމް ވިދާޅުވިއެވެ.

އަދި، މަޖިލީހުގައި ތިބި ވަކިވަކި މެންބަރުންނަށް ރައީސް ޞާލިޙް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލަ ބެއްލެވުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް