ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އުފައްދަން މަސައްކަތްކުރަމުން އަންނަ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންގެ ވޯޓު ހަމަ ނުވުމުގެ ސަބަބުން ޕާޓީ އުފައްދަން ހުއްދަ ދެވެން ނެތް ކަމަށް އެ ކޮމިޝަނުން އަންގައިފިއެވެ.
މިކަން ޑިމޮކްރެޓުންނަށް އެންގީ، ޕާޓީ އުފެއްދުމުގެ ހުއްދަ ނުލިބެނީސް އީސީން ނުނިކުންނާނެ ކަމަށް ބުނެ ޑިމޮކްރެޓުން އެ ކޮމިޝަނުގައި ތިއްބައެވެ.
އެގޮތުން، ދަ ޑިމޮކްރެޓްސް އުދެއްދުމުގައި އިސްކޮށް އުޅުންވާ ބޭފުޅުންނާ ވާހަކަ ދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ، މި ވަގުތު ތިއްބެވި ހަތަރު މެމްބަރުންގެ ތެރެއިން ޑިމޮކްރެޓްސް އުފެއްދުމަށް ދިން ވޯޓު ވަނީ ދެ ވޯޓު، ދެ ވޯޓުން އެއްވަރު ވެފައި ކަމަށެވެ.
"އެހެންވީމަ ހުއްދައެއް ނުދެވުނު. ދެ ވޯޓު ލިބުނީމައި އަޅުގަނޑު ނިންމިން ފާސްވެއްޖެ ކަމަށް. އެކަމަކު އަގްލަބިއްޔަތު ނެތުމުން ފާހެއް ނުވާނެ ކަމަށް ވަނީ ދެ ވޯޓު ދެ ވޯޓުން ނެއް،" ފުއާދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް މަސައްކަތްކުރާ މީހުން ވަނީ، ޕާޓީ އުފެއްދުމާ ދެކޮޅަށް ވޯޓު ދިން މެމްބަރުން އެފަދައިން ވޯޓު ދިނީ ކިހިނެތް ވެގެންތޯ ސުވާލު އުފައްދާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ، ދެކޮޅަށް ވޯޓު ދިން ބޭފުޅުން ތުހުމަތު ކުރައްވަނީ ނުފޫޒެއްގެ ދަށުން އީސީ މަސައްކަތް ކުރާކަމަށް ކަމަށެވެ.
"އެއްވެސް ރީޒަން އެއް އޮވެގެނެއް ނޫން އެ ބޭފުޅުން ވޯޓު ނުދެއްވީ. އެ ބޭފުޅުން ވިދާޅުވީ ވޯޓެއް ނުދެއްވާނަމޭ،" ފުއާދު ވިދާޅުވިއެވެ.
ދެ މެމްބަރެއްގެ ވޯޓާ ހެދި އީސީގައި ޑިމޮކްރެޓުން އުފައްދަން ހުއްދަ ނުދޭން ނިންމާފައިވާއިރު، އީސީގެ ދެ މެމްބަރަކު އެ ޕާޓީ އުފައްދަން ހުރަސް އަޅަމުން ގެންދާ ކަމަށް އެ ޕާޓީގެ މުއައްސިސް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ތުހުމަތުކުރައްވާފައެވެ. އެކަމަކު އެއީ ކޮން ދެ މެމްބަރުންނެއް ކަމެއް ވިދާޅެއް ނުވެއެވެ.