ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައި އޮއްވާ، ރިޔާސަތު ބަލަހައްޓަވަން ދެ ބޭފުޅުން ވެސް އުޒުރުވެރިވާ ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު އަމީންއާންމަށް ކަނޑައެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހަޅައިފިއެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހަޅާފައިވަނީ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
އޭނާ ސޮއިކުރައްވާ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އައިސްފައިވާއިރު މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އަސްލަމް ވަނީ މުހިއްމު ދެ ބަދަލެއް މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅުއްވައިފައެވެ.
އެގޮތުން، އޭނާ ހުށަހެޅުއްވި އެއް ކަމަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭ ހާލަތުގައި، އެ ދެ ބޭފުޅުން ވެސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެއްޖެ ނަމަ، ދެން ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ކަނޑައެޅުމުގެ ބާރު އަމީންއާންމަށް ލިބޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމެވެ.
އަދި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހިނގާނަމަ، އެ މައްސަލައިގައި މެންބަރުން ވާހަކަދައްކާނެ ދިގު މިނާއި ސިޔާސީ ޕާޓީތަކަށާއި މިނިވަން މެންބަރުންނަށް ދޭނެ ފުރުސަތު ކަނޑައެޅުމުގެ ޒިންމާ އަމީންއާންމާ ހަވާލުކޮށް، އެ ފަދަ މައްސަލައެއްގައި ޖަވާބުދާރީވާން ލިބޭނީ 30 މިނެޓު ކަމުގައި ކަނޑައެޅުމަށް އޭނާ ވަނީ ހުށަހަޅުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީއެއްގައި މުގައްރިރު ހިތަދޫ އުތުރު މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލޭ މެމްބަރު އަލީ ނިޔާޒް -- ފޮޓޯ/ މަޖިލިސް
މިހާރު މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހިނގަމުންދާ ހާލަތުގައި ވެސް ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅުއްވަން ޖެހެނީ ރައީސެވެ. އަދި، އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބަހުސް ކުރާނެ މުއްދަތާއި އެ ނޫން ކަންކަން ކަނޑައަޅަން ޖެހެނީ އާންމު ކޮމިޓީންނެވެ.
މަޖިލީސް ހުއްޓުމަކަށް އައިސްފައިވަނީ އެހެންވެއެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތާއި ހަވާލުވާން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެވަޑައިގެންނެވި އިރު، ދެން ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ވެސް އެ މަނިކުފާނު ކަނޑަނާޅުއްވައެވެ. އެހެންވެ، މިއަދުގެ ޖަލްސާ ޖެހުނީ ނިންމައިލާށެވެ.
އަދި، މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެއް ގޮތަށް ކޮމިޓީތައް އެކުލަވައިލުމުގައި ޕާޓީތަކަށް އެއްބަސްވެވިފައިނުވާތީ އީވާގެ މައްސަލައިގެ ކަންކަން ފުރިހަމަ ނުކުރެވި، އެ މައްސަލަ އެޖެންޑާ ކުރުން ވެސް ވަނީ ލަސްވެފައެވެ. އެ އަރައިރުމުގައި މަޖިލީސް ހުއްޓިފައި އޮންނަތާ ދުވަސް ކޮޅެއް ވަނީ ވެފައެވެ.