ސިޓީން ތިން ތަށި ހޯދިޔަސް ފާޑުކިޔާނެ: ޑިބްރޭނާ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީގެ ފުރަތަމަ ލެގުގައި ރެއާލް ކޮޅަށް ގޯލު ޖެހުމަށްފަހު، ސިޓީގެ ޑިބްރޭނާ އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

މިސީޒަނުގައި މެންޗެސްޓާ ސިޓީން ތިން ތަށި ހޯދިޔަސް، އެ ކްލަބަށް ކިޔާ ފާޑުކިޔުންތަކަށް ނިމުމެއް ނާންނާނެ ކަމަށް ޖަރުމަން މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީން މިރޭ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ނުކުންނަ އިރު، ސިޓީން ވަނީ މިސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފައެވެ. ސިޓީން މިރޭ ނުކުންނާނީ އެ ކްލަބަށް ހޯދިފައިނުވާ ހަމައެކަނި ކާމިޔާބީ ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށެވެ.

އެ މެޗުގެ ކުރިން ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ޑިބްރޭނާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެ ކްލަބުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ނަމަވެސް، ކޮންމެވެސް ފާޑުކިޔުމެއް އަމާޒުކުރަމުންދާނެ ކަމަށެވެ.

"ޗެމްޕިއަންސް ލީގު ކާމިޔާބުކުރިޔަސް، މިސީޒަނުގެ ލީގު ކަޕްގައި ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުނުވި ވާހަކަދައްކައި، އެކަމަށް ފާޑުކިޔަމުންދާނެ. އަހަރެމެން މަސައްކަތްކުރަނީ ކޮންމެ މެޗަކުން ވެސް މޮޅުވުމަށް. ބައެއް ފަހަރު އިދިކޮޅުން ނުކުންނަ ޓީމުން ކާމިޔާބު ހޯދާ. އަދި އެކަން ބަލައިގަންނަން ވެސް ޖެހޭނެ،" އޭނާ ބުންޏެވެ.

ސިޓީން މަސައްކަތްކުރަމުންދަނީ 1999 ވަނަ އަހަރަށްފަހު އެއް ސީޒަނެއްގައި ތިން ތަށި ހޯދާ ފުރަތަމަ އިނގިރޭސި ޓީމުގެ ޝަރަފު ހޯދުމަށެވެ. މިހާރު އެ ޝަރަފު އޮތީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުގައެވެ.

ތުރުކީގެ އިސްތަންބޫލުގައި މިރޭ ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލަށް ސިޓީ އާއި އިންޓަ މިލާން ނުކުންނާނީ ރާއްޖެގަޑިން މިރޭ 12:00 ގައެވެ.

comment ކޮމެންޓް