ފުޓުބޯޅަ ލެޖެންޑް ޗެކް، ހޮކީ ކީޕަރަކަށް

ޗެލްސީ އާއި އާސެނަލްގެ ގޯލު ބެލެހެއްޓި ޕީޓާ ޗެކް، ހޮކީ ކުޅެނީ --- ފޮޓޯ/ ގެޓީ

ޗެލްސީގެ ފުޓުބޯޅަ ލެޖެންޑް ޕީޓާ ޗެކް، ކީޕަރެއްގެ ގޮތުގައި ހޮކީ ކުޅުމަށް އޮކްސްފޯޑް ސިޓީ ސްޓާސްއަށް ސޮއިކޮށްފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޗެލްސީގެ ގޯލު ބެލެހެއްޓި ޗެކް ސޮއިކުރި އޮކްސްފޯޑް ސިޓީ ސްޓާސްގެ އައިސް ހޮކީ ޓީމަކީ ތިންވަނަ ޑިވިޝަންގެ ކްލަބެކެވެ.

އުމުރުން 41 އަހަރުގެ ޗެކްއަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ރެކޯޑެއް ވެސް ހަދާފައިވާ ގޯލްކީޕަރެކެވެ. އެއީ ލީގުގައި އޭނާގެ ކޮޅަށް ގޯލެއް ނުވަދެ، 202 މެޗު ހަމަކުރި ރެކޯޑެވެ. ޗެލްސީއަށް 11 އަހަރު ދުވަހު ކުޅުމަށްފަހު، ޗެކް ވަނީ 2015 ގައި އާސެނަލާ ގުޅިފައެވެ. ފުޓުބޯޅައިން ޗެކް ރިޓަޔާކޮށްފައިވަނީ 2019 ވަނަ އަހަރު އާސެނަލުންނެވެ.

ފުޓުބޯޅައިން ރިޓަޔާކުރިތާ މާގިނަ ދުވަސްތަކެއް ނުވެ، ޗެކް ވަނީ އައިސް ހޮކީގެ ތެރެއަށް ވަދެފައެވެ. އޭނާ ވަނީ އޮކްސްފޯޑް ސިޓީ ސްޓާސްއަށް ސޮއިކުރުމުގެ ކުރިން ގިލްޑްފޯޑް ފީނިކްސް އާއި ޗެލްސްމްސްފޯޑް ޗިއެފްޓޭންސްއަަށް ވެސް ކުޅެފައެވެ. އޭނާ ވަނީ ނޭޝަނަލް ހޮގީ ލީގް (އެންއެޗްއެލް) ގައި ކުޅޭ ޗިކާގޯ ބްލެކްހޯކްސް އާއެކު ވެސް ތަމްރީނުކޮށްފައެވެ.

އޮކްސްފޯޑް ސިޓީ ސްޓާސްއަށް ސޮއިކުރުމަށްފަހު، އެ ކްލަބުގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޗެކް ބުނީ ކެރިއަރުގެ އާ ސަފުހާއެއް ފެށިގެން ގޮސްފައިވާ ކަމަށާއި އެ ކްލަބަކީ ބޮޑު އަމާޒެއް ކަނޑައަޅައިގެން މަސައްކަތްކުރާ ކްލަބެއް ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

ޗެކްގެ ފުޓުބޯޅަ ކެރިއަރުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ ޗެލްސީއާއެކު ހަތަރު ޕްރިމިއާ ލީގާއި ހަތަރު އެފްއޭ ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގެއްގެ އިތުރުން ޔޫއެފާ ޔޫރޮޕާ ލީގެއް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އާސެނަލާއެކު ވެސް އެފްއޭ ކަޕެއް ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް