ޝަރުއީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް އަވަހަށް ނިންމުމަށް ގިނަ ފަނޑިޔާރުންތަކެއް ކޯޓުތަކަށް އައްޔަނު ކުރުމުގެ ބަދަލުގައި އެހެން ގޮތެއް ހޯދުމަށް އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން އެދިވަޑައިގެންފިއެވެ.
ތިން ކޯޓަކަށް ފަނޑިޔާރުން އައްޔަނު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ, ޖުޑިޝަރީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަންޖެހޭ ބައިވަރު ސަބަބުތައް އެބަހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މީހުން ނުވަތަ ގިނަ ފަނޑިޔާރުން އިތުރުކޮށްގެނެއް ނޫން މައްސަލަތައް ނިންމައި ކުރިއަށް ގެންދެވޭނީ. އެ ނޫން ނިޒާމްތަކަކާ ދޭތެރޭގައި ފުންކޮށް އެބައޮތް ވިސްނަން ވެފަ," މުއުތަސިމް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ އަވައްޓެރި ސްރީލަންކާއެވެ.
"އިހަށްދުވަހު އަޅުގަނޑުމެންގެ ދައުވަތަކަށް ސްރީލަންކާގެ ޗީފް ޖަސްޓިސް ދިވެހިރާއްޖެއަށް ވަޑައިގެންނެވި އެމަނިކުފާނު އަރިހުގައި ދެއްކެވި ވާހަކައިގަ އަޅުގަނޑު އަހާލިން ސްރީލަންކާގައި ކިތައް ފަނޑިޔާރުން ތިއްބަވާތޯ. ވިދާޅުވީ 22 މިލިއަން މީހުނަށް ތިބެނީ 250 އާއި 300 އާ ދޭތެރޭގެ ފަނޑިޔާރުންނޭ," އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ސްރީލާންކާއިން މިސާލު ނެންގެވުމަށްފަހު މުއުތަސިމް ވިދާޅުވީ, ފަސްލައްކައެއްހާ މީހުން ދިރިއުޅޭ ރާއްޖޭގައި ތިބި ފަނޑިޔާރުންގެ އަދަދާ މެދު ވިސްނާ ފިކުރު ކޮށްލަން ޖެހޭ ކަމަށެވެ.
"އެހެންވީމަ މީތި އެބަ ތަރުތީބު ކުރަންޖެހޭކަން އަޅުގަނޑު ހަމަ ގަބޫލުކުރާ ހަގީގަތެއް އެއީ. ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކެއްވާ ކަމަށްވާ ނަމަ އެކަންކަން ވެސް ފާހަގަކޮށް އެކަންކަމަށް ވެސް އެ ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހޭނެ," އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް އެ ހަފްލާގައި އެކަމުގެ ތަފްސީލަށް ވަޑައިނުގެން އެމަނިކުފާނު ވިދާޅުވީ, އެއަށް ވުރެ ފުޅާ ދާއިރާއެއްގައި އެ ވާހަކަތައް ދައްކަން ޖެހޭ ކަމަށެވެ.
ގާނުނު އާސާސީ ތަރުތީބުކުރެވިފަ އޮންނަ ގޮތުން އެކި ބާރު އޮންނަނީ އެކި ދިމަދިމާލަށް ބެހިފަކަން ފާހަގަކުރައްވައި މުއުތަސިމް ވިދާޅުވީ, ކޮންމެ ބަޔަކަށް ވެސް އެ ބައެއްގެ މައްޗަށް އަނެއްބަޔަކަށް ފާރަވެރިވެވޭގޮތަށް ތަރުތީބުކުރެވިފައި އޮންނަ ކަމަށެވެ.
"އެކަމަކު އެބަޔަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކެއް ވެސް އެބަހުރި އެ މައްސޫލިއްޔަތު ވެސް އަދާކުރަންޖޭހެނެ. އަދާކުރަންޖެހޭއިރު އެބަޔަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އިޚްލާސްތެރިކަމާއެކު އަދާކުރަންޖެހޭނެ," އެމަނިކުފާނު ވިދާޅުވިއެވެ.
ކަންކަން ރަނގަޅު ކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަން ފާހަގަކުރައްވައި މުއުތަސިމް ވިދާޅުވީ, ގާނުނު އަސާސީން ވެސް ކަށަވަރުކޮށްދީފައިހުރި ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރު ކޮށްދެވޭތޯ ބަލަން ޖެހޭނެ ކަމަށެވެ.
"އެއީ ފަނޑިޔާރު ގަބޫލުކުރާކުރުމެއްގެ މައްޗަށް ކަށަވަރު ކޮށްދޭ ކަމެއް ނޫން އެއީ ގާނޫނުގައި ލިޔެފަ ގާނޫނު ތަރުތީބުކުރެވިފައި އޮންނަ ގޮތުގެ މައްޗަށް ބަލައި ބިނާކޮށް ކަށަވަރުކޮށްދޭ ހައްގުތަކެއް," މުއުތަސިމް ވިދާޅުވިއެވެ.