ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ 'ވާނުވާ ބަންދު' ޖަހައިފައި ތިބި މީހުންގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ މީހުން މޮނިޓާ ކުރެވޭ ނިޒާމެއްގެ ތެރެއިން ދޫކޮށްލުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބޭއްވި ބަންދު ފޯރަމްގައި މަޝްވަރާކޮށްފިއެވެ.
ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި ޕީޖީ އޮފީހުންވަނީ މި މަހުގެ އެއް ވަނަ ދުވަހު ފުރަތަމަ ފޯރަމް ބާއްވައިފައެވެ. އެ ފޯރަމްގައި ބައިވެރިވީ އެޓާނީ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި މޯލްޑިވްސް އިމިގްރޭޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނެވެ.
އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބަންދު ފޯރަމް ޚާއްސަކުރީ ޖުޑިޝަރީއަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އެ ފޯރަމްގައި ހައިކޯޓާއި ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓާއި ޖުވެނައިލް ކޯޓުގެ އިތުރަށް އެހެނިހެން ކޯޓުތަކުގެ މެޖިސްޓްރޭޓުން ހިމެނޭހެން 60އަށް ގިނަ ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ.
އެ އޮފީހުން ބުނީ ހަ އިދާރާއެއް ގުޅިގެން ބޭއްވި މިފޯރަމްގައި މައިގަނޑު ހަ ކަމަކާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދިޔަ ކަމަށެވެ. އެގޮތުން، ކޯޓުތަކުގައި ތާވަލުކުރާ އަޑުއެހުންތައް ކެންސަލްކުރުން މަދުކުރުމަށްޓަކައި، ސެންޓްރަލައިޒްޑް ޝެޑިއުލިން ނިޒާމެއް ގާއިމުކުރުމަށާއި ހެކިން ކޯޓަށް ހާޒިރުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދަން މަޝްވަރާކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ބަންދު ފޯރަމްގެ ތެރެއިން --- ފޮޓޯ/ ޕީޖީ
ހަމައެއާއެކު، މައްސަލަތަކުގެ އިބުތިދާއީ އަޑުއެހުންތައް މަދުކުރުމަށްޓަކައި، ޝަރީއަތުގެ ބޭރުން އިދާރީ ގޮތުން ކުރެވެން ހުރި ކަންކަން ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާ ކުރިއަށްގެންދިޔުމަށާއި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާކުރުން ވެސް މަޝްވަރާކުރިއެވެ.
އޭގެއިތުރަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުން މޮނިޓާކުރެވޭނެ ނިޒާމެއްގެ ތެރެއިން ދޫކޮށްލުމަށާއި މައްސަލަތަކުގައި ލިޔުންތައް ހިއްސާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރުމަށް އިދާރާތަކުގެ މެދުގައި މަޝްވަރާކުރި ކަމަށް ޕީޖީން ބުނެފައިވެއެވެ.

ޕީޖީ އައްބާސް ޝަރީފް: ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ޝަރުތުހަމަވާ މީހުން މޮނިޓާ ކުރެވޭހެން ދޫކޮށްލަން މަޝްވަރާއެއް ---- ފޮޓޯ/ ޕީޖީ
ޕީޖީ އޮފީހުން ބުނީ މި ފޯރަމް ބޭއްވި މަގުސަދަކީ ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމުގެ ޝަރުތުތައް މުރާޖާކޮށް މުތާލިއާ ކުރުމުގައި ގެންގުޅޭނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގައާއި މި ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް, ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތައް ރައްކާތެރިކޮށް, އެއްހަމަކުރެވޭނެ ގޮތަށް މި ނިޒާމަށް އީޖާދީ އަދި އީޖާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުން ކަމަށެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި މަހުގެ އެއް ވަނަ ދުވަހު ބޭއްވި ބަންދު ފޯރަމްގައި އިއްތިފާގުވަނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުންކަމަށް އެއްބަސްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މި ފޯރަމްތަކުގައި މަޝްވަރާކޮށްފައިވާ ކަންތައްތައް، ޖުޑީޝަރީގެ ބައިވެރިވުމާއެކު ތަންފީޒު ކުރުމަށް ސަރުކާރަށާއި، ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ޕީޖީން ބުނެފައިވެއެވެ. އަދި އެ ކަންކަން ތަންފީޒު ކުރަމުންދާ މިންވަރާމެދު ފާރަވެރިވަމުން ގެންދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އެކަމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ މާރިޗު މަހު ރައީސް ވިދާޅުވެފައިވެއެވެ.