ހުކުމްތަކުން ފެންނަނީ އަދުލުގެ ނިޒާމު ތައައްސުބުން އެއްކިބާކުރަން ކުރާ މަސައްކަތް: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯޓުތަކުން ކުރާ ހުކުމްތަކުން ފެންނަނީ އަދުލުގެ ނިޒާމު ތައައްސުބުން އެއްކިބާ ކުރުމަށްޓަކައި ފަނޑިޔާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޤަޟާއީ އަހަރު އިގްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އިއްވެވި ޤަޟާއީ ބަޔާނުގައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ތައައްސުބުން އެއްކިބާވެ، ވަކި ފަރާތަކަށް ނުޖެހި ޚަސްމުންގެ ވާހަކަތައް އަޑުއަހައި، އިންސާފުވެރިކަމާއެކު ކަންކަން ނިންމެވުމަކީ ފަނޑިޔާރުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ އިންތިހާއަށް ޙިކުމަތްތެރިވެގެން، ފަރުވާތެރިވެގެން، ކަމަށް ކަމޭހިތައިގެން އަދި ކެތްތެރިވެގެން ނޫނީ ނުކުރެވޭނެ މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ.

އަދި ފަނޑިޔާރުން އެ ނިންމުންތައް ނިންމަވަނީ ކުޑަ ވެސް ފަސްޖެހުމެއް ނެތިކަން ފާހަގަ ކުރައްވައި، އެ ފަރާތްތަކުން އިންސާފު ގާއިމް ކުރުމަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތަށް އުއްތަމަ ފަނޑިޔާރު ޝުކުރު އަދާ ކުރެއްވިއެވެ.

"ތައައްސުބުން އެއްކިބާވެ، ވަކި ފަރާތަކަށް ނުޖެހި ޚަސްމުންގެ ވާހަކަތައް އަޑުއައްސަވައިގެން، އިންސާފުވެރިކަމާއެކު ކަންކަން ނިންމެވުމަކީ ފަނޑިޔާރުންނަށް އެހާ ފަސޭހަ ކަމެއް ނޫން. ފަނޑިޔާރުންގެ މައްޗަށް އެ ކަން ކުރަން ލާޒިމު ކުރެވިފައިވާ ގޮތުގެ މަތީން، އެ ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް ކަމުގައިވީ ނަމަވެސް، ނުވަތަ މަގުބޫލް ނޫން ނިންމުންތަކެއް ކަމުގައިވީ ނަމަވެސް އެ ކަންކަމުގައި އެއްވެސް ވަރަކަށް ފަސްޖެހިވަޑައިގަތުމެއް ނެތި" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވީ، ފަނޑިޔާރުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދުލަށް މަސައްކަތް ކުރެވުނުކަމުގެ އިހުސާސް ކުރެވުން ކަމަށެވެ.

ރާއްޖޭގައި މުޅި ޖުމްލަ 194 ކޯޓެއް ހުރިއިރު، 182 ފަނޑިޔާރުން އެބަ ތިއްބެވިއެވެ.

ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތައް ވެސް ހިމެނޭހެން، ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއެކު ވެސް، އެ ފަރާތްތަކުން އިންސާފު ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ތަޚުސީސްވެ ވަޑައިގެން ސާބިތުކަމާއެކު ތިއްބެވީތީ، ޝަރުއީ ދާއިރާގެ ހުރިހާ ފަރާތްތަކެއް ހިމެނޭހެން އުއްތަމަ ފަނޑިޔާރުވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ޤަޟާއީ އަހަރު އިފުތިތާހު ކުރުމުގެ ރަސްމިއްޔާތަކީ، އައު ޤަޟާއީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި އެ ދާއިރާ ހަރުދަނާ ކުރުމަށް ޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު ހޯދައިދިނުމަށް ބާއްވާ އިހްތިފާލެކެވެ.

comment ކޮމެންޓް