ގާނޫނު އަސާސީން ބާރުތަކެއް ދޭއިރު ކުށްކުރާ މީހުންގެ އިތުރުން ޚާއްސަކޮށް ގޭންގުތަކުގެ ނުފޫޒު ޝަރުއީ ދާއިރާގެ ފަނޑިޔާރުންނަށާއި ފުލުހުންނަށް އޮތް މިންވަރާމެދު ވިސްނުން މުހިންމުކަމަށް ވިދާޅުވެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގޭންގު ކުށްތަކާ ބެހޭ ބިލަށް ބަހުސްކުރައްވަމުން މެންބަރު ޝަރީފް ވިދާޅުވީ ބޮޑެތި ކުށްތައް ކުރުމުގައި މައިގަނޑު ގޮތެއްގައި ވަރަށް މަދު ބަޔަކު އުޅޭ އިރު، ދައުލަތުގެ އިސް މުއައްސަސާތަކާ ގުޅުންހުރި ކަންތައްތައް ވެސް އެބަހުރި ކަމަށެވެ.
ކުށްކުރުން ހުއްޓުވައި، މުޖުތަމައު ކުށުގެ ވެށިން ސަލާމަތްކުރުމަށް 'މުތުލަގުކޮށް ބާރުތަކެއް ދޭއިރު' ބާރުތައް ދޭ މުއައްސަސާތަކުގެ ހާލަތާ ދޭތެރޭ ވެސް ވިސްނާލަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޚާއްސަކޮށް ބާރުތަކެއް ދޭއިރު، ރައްޔިތުން "ފްރޭމްކޮށް"، ރައްޔިތުންނަށް ހައްގުނޫން އަދަބުތަކެއް ދެވޭގޮތަށް އެ ބާރުތައް ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަކަށް އޭނާ ދެކޭކަމަށް ވިދާޅުވިއެވެ.
"މިހެން މި އިޝާރާތްކޮށްލަނީ މި އިއްޒަތްތެރި މަޖިލީހުން ފާސްކޮށްފައި އޮތް ބިލެއްގެ ސަބަބުން ޚާއްސަކޮށް ޖިންސީ ފުރައްސާރަކުރުމުގައި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަނީކަމަށް ދެކިގެން މިއަދު ހައްގަކާ ނުލައި، އެތައް ބަޔަކު ކުށުގެ ވެށީގައި ކަމަށް ހީކޮށް ތުހުމަތުކުރެވި ބުނާ ބުނުމެއްގެ މައްޗަށް އެތައް ދުވަހެއް، ތިން އަހަރު ހަތަރު އަހަރު އެއްވެސް ހައްގަކާ ނުލައި ބަންދުކުރެވި، އެ މީހުންނަށް އަނިޔާ ލިބެމުން އެބަދޭ،" ކަންބޮޑުވުން ފާޅުކުރައްވައި ޝަރީފް ވިދާޅުވިއެވެ.
ވާނުވާ ބަންދުގެ ސަބަބުން އަދި އެ ކަން މި މުޖުތަމައުގައި ތަކުރާރުވެގެންދާއިރު އެތައް އާއިލާތަކަކަށް އެ ކަމުގެ ގެއްލުން ލިބި، އަނބިދަރީން ބީވެ ގޮސް އާއިލާތައް ނިކަމެތިވެފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރުއީ ދާއިރާގެ އެއްވެސް އަޑުއެހުމެއް ކުރިއަށް ނުގެންދެވި އެއް އަހަރު ދެ އަހަރު ޖަލު ގޮޅީގައި ބަންދުކުރެވިފައި ތިބުމުގެ ސަބަބުން އާއިލާތައް ރޫޅިގެންގޮސްފައިވީ ނަމަވެސް އަސްލު ކުށްކުރާ މީހުން ދޫވަނީ އެ މީހުންގެ ނުފޫޒު ތަންފީޒީ އިދާރާތަކުގެ މައްޗަށް އޮތުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ކުށުގެ ވެށިން ރައްކާތެރިކުރުމަށް، އާންމު ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް އެންމެ ހަރުދަނާ މުއައްސަސާއަކީ މޯލްޑިވްސް ޕޮލިސް ސާވިސް. އިވޭ އަޑުތަކަށް ރިއާޔަތްކުރާނަމަ އިނގެނީ ކުށުގެ ވެށީގައި އުޅޭ މީހުންނާއި ޝަރުއީ ނިޒާމާ ފުލުހުންނާ ވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮންނަކަން،" ޝަރީފް ވިދާޅުވިއެވެ.
"...އަޅުގަނޑުމެންނަށް އިނގެނީ ޝަރުއީ ނިޒާމުގެ ތެރެއިން ވެސް ގޭންގު މާރާމާރީއަށް ހިތްވަރުދޭ، އެ ކަމުގައި އެންމެ އިސްކޮށް އުޅޭ ފަރާތްތަކާ ޝަރުއީ ނިޒާމުގައި އުޅޭ ބައެއް ޖަޖުންނާ ވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮންނަ މަންޒަރު،" ޝަރީފް އިތުރަށް ވިދާޅުވިއެވެ.
ތަންފީޒީ އިދާރާތަކުން އެ އިދާރާތަކުގެ މައްޗަށް އޮތް ޒިންމާ އަދާކުރުމުގައި އިހުމާލު އޮތްކަމަށް ޝަރީފް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އޭގެ ސަބަބުން ގޭންގު ކުށްތަކަށް ހުށަހެޅި، ސްކޫލް ދައުރުގައި ކުށުގެ ވެއްޓަށް ކުދިންނާއި ޒުވާނުން ހުށަހެޅޭތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައި ވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިނެވެ.
ބިލު ހުށަހެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމެވެ. އަދި ކަމާގުޅޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި، ހަރުދަނާ ގޮތެއްގައި އަދަބު ތަންފީޒުކުރުމެވެ.
މިއަދު ވަނީ މި ބިލު މަޖިލީހުގެ އިއްތިފާގުން ބަލައިގަނެ، ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.