ވެސްޓް ހާމް ދޫކޮށް ދިއުމުގެ ހުއްދަ ރައިސްއަށް ދީފި

ވެސްޓް ހާމްގެ އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް -- ފޮޓޯ/ ގެޓީ

އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސްއަށް ކްލަބު ދޫކޮށްލުމުގެ ހުއްދަ ދީފައިވާ ކަމަށް ވެސްޓް ހާމް ޔުނައިޓެޑްގެ ޗެއާމަން ޑޭވިޑް ސުލިވަން ވިދާޅުވެއްޖެއެވެ.

ވެސްޓް ހާމްއަށް މިސީޒަނުގެ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްދިން ކެޕްޓަން ރައިސް، އަންނަ ސީޒަނުގައި ވެސް އެ ކްލަބުގައި ހުންނާނެކަމުގެ އިޝާރާތެއް ދާދި ފަހުން އޭނާ ވަނީ ދީފައެވެ. ނަމަވެސް ވެސްޓް ހާމްގެ ޗެއާމަން ސުލިވަން ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި ރައިސް އެ ކްލަބު ދޫކޮށް ދިއުމަށް ވަނީ ނިންމައިފައެވެ.

"އަހަރެމެން އޭނާ ދޫކޮށްދޭނެ ކަމަށް ވާނީ ވައުދުވެފައި. މިސީޒަނުގައި އަހަރެމެންނަށް ހުރިހާ މަސައްކަތެއް ކޮށްދިން ކުޅުންތެރިޔަކު ހިފަހައްޓައިގެން ހުންނާކަށް ނުވާނެ. ކުރިއަށްއޮތް ދުވަސްތަކުގައި އަހަރެމެން ޖެހޭނީ ރައިސްގެ ބަދަލުގައި ކުޅުންތެރިޔަކު ހޯދަން. ކްލަބުގައި ހުންނަން ބޭނުން ނުވާ ކުޅުންތެރިޔަކު، އެ ކުޅުންތެރިއެއްގެ ހިތާ ދެކޮޅަށް ބަހައްޓަން ބޭނުމެއް ނޫން،" 'ޓޯކްސްޕޯޓް' އަށް ދިން އިންޓަވިއެއްގައި ސުލިވަން ވިދާޅުވިއެވެ.

ރައިސް ހޯދުމަށް އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން އާސެނަލުން ރައިސް ހޯދުމަށް 90 މިލިއަން ޕައުންޑް (112 މިލިއަން ޑޮލަރު)ގެ އަގެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާސެނަލާއި ޔުނައިޓެޑްގެ އިތުރުން ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކުން ވެސް ރައިސް ހޯދުމަށް މަސައްކަތްކުރެއއެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި އިނގިރޭސިވިލާތް ދޫކޮށް ދާން ރައިސް ބޭނުމެއް ނުވެއެވެ. އެހެންކަމުން އަންނަ ސީޒަނުގައި ވެސް އޭނާ އިނގިރޭސި ކްލަބަކުން ފެނުން ގާތެވެ.

ވެސްޓް ހާމުން ރައިސްއަށް ޓްރާންސްފާ އަގުގެ ގޮތުގައި ބޭނުންވަނީ 100 މިލިއަން ޕައުންޑް (125 މިލިއަން ޑޮލަރު) އެވެ. އަދި ވެސްޓް ހާމުން އެއްބަސްވުމަކަށް ދާނީ އެ ޓްރާންސްފާގެ އަގު 12 މަސްދުވަހުގެ ތެރޭގައި ދައްކާ ގޮތަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ނަމަ، އާސެނަލުން ހުށަހަޅާ 90 މިލިއަން ޕައުންޑްގެ އަގު ވެސްޓް ހާމުން ގަބޫލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް