ސައުދީ އަރަބިއާ ފަދަ މުސްލިމް ގައުމެއްގައި ދިރިއުޅެން އަބަދުވެސް ބޭނުންވާ ކަމަށް ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ބުނެފިއެވެ.
ކަރިމް ބެންޒެމާ ވަނީ 14 އަހަރަށްފަހު ރެއާލް މެޑްރިޑް ދޫކޮށް، ސައުދީގެ ޗެމްޕިއަން އަލް އިއްތިހާދާ ގުޅިފައެވެ. އަލް އިއްތިހާދަށް ބެންޒެމާ ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އަލް އިއްތިހާދުން ބެންޒެެމާއަށް މުސާރައިގެ ގޮތުގައި ސީޒަނަކު 200 މިލިއަން ޔޫރޯ (213 މިލިއަން ޑޮލަރު) ދޭން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައެވެ.
ބެންޒެމާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އަލް އިއްތިހާދާއެކު ވެސް ކާމިޔާބީތައް ހޯދުމަށް މަސައްކަތްކުރާނެ ކަމަށާއި އަބަދުވެސް މަސައްކަތްކުރާނީ އިތުރު ކުރިއެރުންތައް ހޯދުމަށް ކަމަށެވެ. އަދި އަލް އިއްތިހާދާއެކު ވެސް އޭނާގެ ހުނަރުތައް ދެއްކުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރެންނަކީ މުސްލިމެއް، އަދި މިއީ މުސްލިމް ގައުމެއް. އަހަރެން އަބަދުވެސް މުސްލިމް ގައުމެއްގައި ދިރިއުޅެން ބޭނުން. މީގެ ކުރިން ވެސް އަހަރެން ވާނީ ސައުދީއަށް އައިސްފައި. އެންމެ މުހިންމު ކަމަކީ މިއީ މުސްލިމް ގައުމެއްކަން. މި ކްލަބާ ގުޅޭ ވާހަކަ އާއިލާއާ ހިއްސާކުރުމުން އެމީހުން ވެސް ހުރީ އެކަމާ ވަރަށް އުފާވެފައި،" އޭނާ ބުންޏެވެ.
ބެންޒެމާ ބުނީ ސައުދީ ލީގަކީ މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ ރަނގަޅު ލީގެއް ކަމަށާއި ކޮންމެ އަހަރަކު ވެސް އެ ލީގުން ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށެވެ. އަދި ވޯލްޑް ކަޕްގައި ސައުދީ ޓީމުން އާޖެންޓީނާއާ ދެކޮޅަށް ދެއްކި ކުޅުން ވެސް ބެންޒެމާ ފާހަގަކުރިއެވެ.
ބެންޒެމާގެ އިތުރުން އަންނަ ސީޒަނަށް އަލް އިއްތިހާދުން ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ހޯދުމަށް ވެސް މަސައްކަތްކުރެއެވެ. މިހާރު ސައުދީއާ ގުޅުމަށް ކަންޓޭ އެއްބަސްވެފައިވާ ކަމަށް ވެސް އިތުބާރު ހުރި ނޫސްތަކުން ރިޕޯޓުކުރެއެވެ. އެހެންކަމުން ސައުދީ ލީގު ހޯދުމަށް އަލް ނަސްރުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.