ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުން މައްސަލަތައް ބައްލަވާއިރު ރުޅި އިސްނުކުރައްވާ ދިވެހި ދައުލަތުގެ މަސްލަހަތު އިސް ކުރުމަށް އުއްތަމަފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން އެދިވަޑައިގެންފިއެވެ.
ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަނުކުރުމަށް އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއުތަސިމް ވިދާޅުވީ, ފަނޑިޔާރުކަމާ ހަވާލުވެ މައްސޫލިއްޔަތު އަދާކުރާއިރު ހަމައެކަނި ބަލަން ޖެހޭނީ ހުކުމެއް ކުރުމަށް ނޫން ކަމަށެވެ.
"ފަނޑިޔާރުން ފަނޑިޔާރުކަމާ ހަވާލުވެ މި މައްސޫލިއްޔަތު އަދާކުރާއިރު އަޅުގަނޑުމެން ހަމައެކަނި ބަލަންޖެހޭނީ ހުކުމެއް ކުރުމެއް ނޫން. އަދުލުވެރިކަމާ އެކު އިންސާފުން ހުކުމްކުރުން އަދި އޭގެ އިތުރަށް ފަނޑިޔާރުން ވާންޖެހޭނެ އިހްސާންތެރި ބައެއް ކަމަށް. އެއްވެސް ގޮތަކަށް އެއްވެސް ހާލެއްގައި ރުޅި އިސްކޮށްގެން ނުވާނެ," އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
އަދި، ފަނޑިޔާރުން ވާން ޖެހޭނީ އެ ބޭފުޅުންގެ ކުރިފުޅުމައްޗަށް އަންނަ ހުރިހާ ހަސްމުންނާ ވަކީލުންނަށް އިހްތިރާމާ އެކު ވާހަކަދައްކަވާ އިހްތިރާމާ އެކު މުޚާތަބު ކުރައްވާ ބަޔަކަށް ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
އޭގެ ސަބަބުތައް ވެސް އެ މަނިކުފާނު ވިދާޅުވެދެއްވިއެވެ.
"މީގެ ކިތަންމެ ކިތަންމެ ސަބަބުތަކެއް އެބަހުރި. ހަމަ އެންމެ ވަގުތުކޮޅަކަށް ވެސް މި މިސްވެއްޖިއްޔާ އެ ކަމުގެ ނޭދެވޭ އަސަރު ކުރާނެ. އަޅުގަނޑުމެން މި ފަނޑިޔާރުކަމާ ހަވާލުވެ މި ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރާ މި ޒިންމާ ބޮލުގައި އަޅާ މި ކަންކުރަން މި ފަށަނީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް. މި ގޮތުން އެންމެ މުހިންމު އެއް މަސްލަހަތަކީ ދިވެހި ދައުލަތުގެ މަސްލަހަތު," އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ދިވެހި ދައުލަތުގެ މަސްލަހަތަކީ ކޮބައިކަން އުއްތަމަފަނޑިޔާރު ސާފުކޮށްދެއްވިއެވެ.
އެގޮތުން ދިވެހި ދައުލަތުގެ މަސްލަހަތު ކުރިއަރުވައި ކުރިއަށް ނެރެވޭނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބުނާ ކަންކަން އެ އޮތްގޮތައް ފުރިހަމައަށް އަދާކޮށް ގާނޫނު އަސާސީ ނަގަހައްޓައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ފަނޑިޔާރުންގެ މަސްލަހަތަކަށް ވާންވާނީ ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔާތް ކުރުންކަން ފާހަގަކޮށް މުއުތަސިމް ވިދާޅުވީ, ދެވަނަ ކަމަކަށް އިސްކުރަން ޖެހޭނީ ދިވެހިންގެ އަހްލާގިއްޔާތު ނަގަހައްޓަން ކަމަށެވެ.
"އަޅުގަނޑުމެން މި ހިއްސާކުރާ އަހްލާގިއްޔަތާކި ކޮބައިތޯ ބަލައި އެ ހިއްސާކުރާ އަހްލާގިއްޔަތު ނަގަހައްޓައި ދެމެހެއްޓުން. ދިވެހިން މި ހިއްސާކުރާ އަހްލާގިއްޔަތު ބިނާވެފައި މި އޮންނަނީ އިސްލާމީ ރިވެތި އުސޫލުތަކުގެ މައްޗަށް. އާދެ މި އުސޫލުތަކުގެ މައްޗަށް ބިނާވެފައި މި އޮތް އަހްލާގިއްޔަތު ވަޒަން ކުރާނީ އަޅުގަނޑުމެންގެ ކުރިމައްޗަށް ވެސް އަންނަ އަދި އެ ނޫނަސް އަޅުގަނޑުމެން މިކުރާ މަސައްކަތް ދުރާ ގާތުން ބަލާ ދިވެހި ރައްޔިތުން. ދިވެހި ދައުލަތުގެ ނުވަތަ އަޅުގަނޑު މި ދެންނެވި މަސްއޫލިއްޔަތަކީ ހަމައެކަނި އެ ފަނޑިޔާރު ގަބޫލުކުރާ ނުވަތަ ގަބޫލުކުރައްވާ މަސަލަހަތެއް ނޫން," އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
ދިވެހިން މި ހިއްސާކުރާ އަހްލާގިއްޔާތު ނުވަތަ މި މިސްލަހަތު އެއްވެސް ވަރަކަށް ނުހިފެއްޓި ގާނުނު އާސާސީން ފަނޑިޔާރުންނާ މަތިކޮށްފައި އޮތް ވާޖިބު އަދާނުކުރެވިއްޖެ ނަމަ އެ ތަނބު ބިންދައިގެން ދާނެ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.
އެ ތަނބު ބިންދައިގެން ދިއުމުން މުޖުތަމައު ބައިބާވެ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށް ވެސް ކުރާނެ ކަމަށް އެ މެނިކުފާނު ވިދާޅުވިއެވެ.
"މި އަހްލާގިއްޔާތު ހިފަހައްޓަން ފަނޑިޔާރުންނަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވަން ޖެހޭނެ," މުއުތަސިމް އަދުނާނު ވިދާޅުވިއެވެ.
ޝަރުއީ ކޯޓުތަކުގެ އަޑުއެހުންތައް އާންމުކޮށް ލައިވްކޮށް ދުރަށް ދައްކާކަން ފާހަގަކޮށް އުއްތަމަފަނޑިޔާރު ވިދާޅުވީ, ފަނޑިޔާރުންގެ އަމަލުތައް ބަހައްޓާ ގޮތާ ކަންކުރާ ގޮތާ ހެކި ވަޒަންކުރާ ގޮތް ބަލަން ބޭނުން ކޮންމެ ބަޔަކަށް ވެސް ފެންނާނެ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރުންގެ އުޅުމާއި ގުޅުމާއި ސުލޫކާއި އަހްލާގް ފެންނަ ތަނުގައި ވެސް ނުފެންނަ ތަނުގައި ވެސް އެންމެ ރަނގަޅު އަދި އެންމެ މަތީ މިންގަނޑަކަށް ބަހައްޓަން ޖެހޭ ކަމަށް ވެސް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
އެގޮތައް އަހްލާގީ މިންގަނޑު ބަހައްޓަން ޖެހޭ ކިތަންމެ ސަބަބެއް ހުރިއިރު އޭގެ އެއް ސަބަބަކީ ގާނޫނު އަސާސީން ފަނޑިޔާރުންނާ މަތިކުރެވިފާ އޮތް ވާޖިބު ކަމަށެވެ.
"އަޅުގަނޑުމެންގެ އުޅުމާއި ގުޅުމާއި ސިޔާސީ ކަންކަމާއި އަދި އެ ނޫން ކަންކަން ވެސް ބައްޓަންކުރާ ބަޔަކު އަބަދު ވެސް ވިސްނާ ބަލަންޖެހޭނީ ދިވެހުންގެ މި ޝެއާޑް މޯރާލިޓީ ނުވަތަ އަޅުގަނޑުމެން މި ހިއްސާކުރާ އަހްލާގިއްޔާތު ކުރިއެރުވުމަށް," މުއުތަސިމް ވިދާޅުވިއެވެ.
އެކަން ބިނާވެފައި އޮންނާނީ އިސްލާމީ ރިވެތި އަހްލާގުގެ މައްޗަށް ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.