ދިގު މުއްދަތަކަށް ޝަރުޢީ ދާއިރާގައި ޚިދުމަތްކުރެއްވި، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ ޤައުމަށް ލިބުނު ފުން ހިތާމައެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޝުޢައިބް މިއަދު އަވަހާރަވީ، އެނގިފައިވާ ގޮތުގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.
އެ ކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޝުޢައިބު އަވަހާރަވުމަކީ، ދިވެހި ޤައުމަށާއި، ޚާއްޞަކޮށް ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
ރައީސް ވިދާޅުވީ ޝުޢައިބުވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރު ކަމުގައި ޤައުމަށް މުހިންމު ޚިދުމަތްތަކެއް ކުރައްވައިފައި ކަމަށެވެ.
އަދި ޝުޢައިބަކީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައި ވެސް ޚާއްސަ ޚިދުމަތްތެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މަރުޙޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ޢާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރު ކުރައްވާށިއެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތް މިންވަރު ކުރައްވާށިއެވެ. އާމީން،" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
ޝުއައިބަކީ ފަނޑިޔާރުކަމުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެގޮތުން ޝަރުޢީ ދާއިރާގައި އޭނާ ފުރުއްވި މަގާމުތަކުގެ ތެރޭގައި ހިމެނެނީ:
- ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަން
- ޚާއްސަ ގާޟީކަން
- ފެމިލީ ކޯޓުގެ ޤާޟީކަން
- މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޟީކަން