އާރަށު މައްސަލަ: ޔޫސުފް ނައީމްގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން ---

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އޭނާގެ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކަށް ހައި ކޯޓުގައި ބަހުސްކޮށް މިއަދު ނިންމާލައިފިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޝްވަތު ހުށަހެޅި ކަމަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ރައީސް ޔާމީންގެ އިތުރުން ޔޫސުފް ނައީމްގެ ފަރާތުން ވެސް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު މިއަދުގެ އަޑުއެހުމަށް ދެ ބޭފުޅުން ވެސް ވަނީ ހާޒުރިކޮށްފައެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ޔޫސުފް ނައީމްގެ ފަރާތުން އިސްތިއުނާފީ ނުކުތާތަށް ހުށަހަޅައި އެއަށް ދައުލަތުން ރައްދު ދިނުމުގެ ބައެވެ.

ތަފްސީލްކޮށް ލިއުމުން އިސްތިއުނާފީ ނުކުތާތަށް ހައި ކޯޓަށް ހުށަހަޅާފައިވާއިރު އޭގެ ރައްދު ލިއުމުން ވެސް ދައުލަތުން އޮތީ ހުށަހަޅާފައެވެ. އެހެންކަމުން މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އޮތީ ހުލާސާ ގޮތެއްގައި އެ ނުކުތާތަށް ހުށަހެޅުމެވެ.

ދެ ގަޑިއެއްހާއިރުވި އެ އަޑުއެހުމުގައި ޔޫސުފް ނައީމްގެ ފަރާތުން ވަނީ އިސްތިއުނާފީ ނުކުތާތަށް ހުށަހަޅައި ކްރިމިނަލް ކޯޓުންކުރި ހުކުމް ބާތިލް ކޮށްދިނުމަށް އެދިފައެވެ. އަދި އިތުރު ހުށަހެޅުމެއްގެ ގޮތުގައި ވަނީ އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އެންގުމަށް ވެސް އެދިފައެވެ.

ނަމަވެސް ދައުލަތުން ވަނީ އެ ހުށަހެޅުންތަކަށް ދެކޮޅު ހަދައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދެމަހެއްޓުމަށް ހުކުމް ކޮށްދިނުމަށް އެދިފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި ފުރަތަމަ އޮންނާނީ މިއަދު ދައުލަތުން ދެއްކި ވާހަކައަށް ޔޫސުފް ނައީމްގެ ފަރާތުން ރައްދު ދެއްވުމެވެ. އަދި އެ އަށްފަހު ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ފުރުސަތު ދެއްވާނެއެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ހަސަން ޝަފީއުއެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

އެ މައްސަލައިގައި ޔާމީންގެ މައްޗަށް ވެސް ވަނީ ދެ ދައުވާއެއް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް އިތުރު ފައިސާއާ އެކު ޔާމީންގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި، އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް އެ މަނިކުފާނުގެ އެކައުންޓަކަށް 2017ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހު ޖުމްލަ 1.29 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެއަށްފަހު ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް 2021ވަނަ އަހަރުގެ މާޗް މަހުގެ 14ވަނަ ދުވަހު އިތުރު ފައިސާއާ އެކު ޖުމްލަ 3.4 މިލިއަން ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާ ކަމަށް އެ އަމުރުގައިވެއެވެ.

comment ކޮމެންޓް