ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދު ކަމުގައިވާ ޗައިނާގެ މެއި މަހުގެ އިމްޕޯޓާއި އެކްސްޕޯޓް ދަށްވެއްޖެ ކަމަށް ރޮއިޓާޒްގެ ޕޯލްއަކުން ދައްކައިފިއެވެ.
ޗައިނާގެ އިމްޕޯޓު މެއި މަހު ދަށަށް ދިޔަ ކަމަށް ބެލެވެނީ، އެ ގައުމުގައި ތަންފީޒުކުރަމުން ދިޔަ ކޮވިޑު-19 ރައްކާތެރިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވާލިފަހުން އިޤުތިޞާދު ރަނގަޅުވަމުން ދިޔަ ދަނޑިވަޅެއްގައެވެ
އިކޮނޮމިސްޓުންނާ އެކީ ހިންގި ޕޯލަކަށް ރޮއިޓާޒްއިން އެއްކުރި މައުލޫމާތުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހާ އަޅާކިޔާއިރު އިމްޕޯޓު 8 ޕަސެންޓު ދަށަށް، އަދި އެކްސްޕޯޓު 0.4 މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.
މިއީ އެކަމަކު ރަސްމީ އަދަދުތަކެއް ނޫނެވެ. ޗައިނާގެ ރަސްމީ އިދާރާތަކުން އެ ގައުމުގެ މެއި މަހުގެ ވިޔަފާރީގެ މައުލޫމާތުތައް އާންމުކުރާނީ މިއަދެވެ.
މާހިރުން ބުނާ ގޮތުގައި މި އަދަދުތަކުން ދޭހަ ވަނީ ޗައިނާގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި ޑިމާންޑު ދަށްވެފައިވާ ކަމެވެ. ޗައިނާއިން އަންދާޒާ ކުރި ވަރަށް ނިމުނު މަހުގެ ވިޔަފާރިކުރެވިފައި ނުވާއިރު، ވޭތުވި މަސްމަހުގައި ވެސް އިމްޕޯޓާއި އެކްސްޕޯޓު ރަނގަޅުވީ ކޮވިޑުގެ ތެރޭގައި ނުފޮނުވި ހުރި އޯޑަރުތަކާ ގުޅިގެންނާއި ކޮވިޑު ބަންދުން ވީއްލުމުން އެތެރޭގެ ބާޒާރުގައި ޚިދުމަތްތަކަށް އޮތް ޑިމާންޑު އިތުރުވުމާ ގުޅިގެންނެވެ.
މިހާރު އެތެރޭގެ ބާޒާރުގެ ޑިމާންޑު މަޑުޖެހި، ނުނިމި ހުރި އޯޑަރުތަކުގެ ބޮޑު ބަޔެއް ވެސް ނިމިފައިވާއިރު، ކުރިން ލަފާކުރި ދުވެލީގައި ޗައިނާގެ އިޤުތިޞާދު ކުރިއަރާނެ ކަމަކަށް މިހާރު ނުބެލެވެއެވެ. އެގޮތުން ބާކްލޭސް އާއި ނޮމޫރާގެ އެނަލިސްޓުން ވަނީ ޗައިނާގެ ޖީޑީޕީ ކުރިއަރާނެ ކަމަށް އަންދާޒާކުރި އަދަދުތައް މުރާޖާކޮށްފައެވެ.
ޗައިނާ ސަރުކާރުން އަންދާޒާކުރަނީ މި އަހަރު އެ ގައުމުގެ އިޤުތިޞާދު 5 އިންސައްތަ ކުރިއަރާނެ ކަމަށެވެ.