ދުނިޔޭގެ އެންމެ ފަގީރު ހަ ގައުމުގެ ދަރަނި، ފާއިތުވި 18 އަހަރު ތެރޭ އިތުރުނުވާ މިންވަރަކަށް މިހާރު އިތުރުވެފައިވާކަމުގެ ކަންބޮޑުވުން ވޯލްޑް ބޭންކުން ފާޅުކޮށްފިއެވެ.
ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގެ އިގްތިސާދަށް ކޮވިޑް-19ގައި ލިބުނު ގެއްލުމުން އަރައިގަނެފައިވީ ނަމަވެސް އެންމެ ފަގީރު ގައުމުތަކުގެ އިގުތިސާދު މިއަދު ވަނީ ކޮވިޑް-19އިގެ ކުރިން ހުރި ވަރަށްވުރެވެސް ބޮޑަށް ދަށަށް ގޮސްފައެވެ.
ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އަހަރީ ބައްދަލުވުންތައް ވޮޝިންޓަންގައި ފެށުމުގެ ހަފުތާއެއް ކުރިން އާންމުކުރި އެ ރިޕޯޓަކީ ދުނިޔެއިން ފަގީރުކަން ނައްތާލުމަށް ކުރާ މަސައްކަތަށް މާބޮޑު ކާމިޔާބެއް ލިބިފައި ނުވާކަން ހާމަކޮށްދޭ ރިޕޯޓެކެވެ. އަދި ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކަށް ފަންޑުކުރާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އަށް 100 ބިލިއަން ޑޮލަރުގެ މާލީ އެހީ ހޯދުމަށް ވޯލްޑް ބޭންކުން މި އަހަރު ކުރި މަސައްކަތަށްވެސް މާބޮޑު ކާމިޔާބެއް ނުލިބޭކަން އެ ރިޕޯޓުން ހާމަވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.
އެންމެ ފަގީރު 26 ގައުމަކީ އައިޑީއޭގެ ހިލޭ އެހީއަށާއި އިންޓްރެސްޓަކާ ނުލައި ނަގާ ލޯނުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމުތައް ކަމަށްވެސް ވޯލްޑް ބޭންކުން ބުނެއެވެ.
މި ދިރާސާގައި ހިމެނޭ ގިނަ ގައުމުތަކަކީ އިތިއޮޕިއާއިން ފެށިގެން ޗާޑް އަދި ކޮންގޯއާ ފަދަ އެފްރިކާގެ ގައުމުތައް ނަމަވެސް އެ ލިސްޓުގައި އަފްޣާނިސްތާނާއި ޔަމަން ވެސް ހިމެނެއެވެ.
އެންމެ ފަގީރު 26 ގައުމުގެ ތިންބައިކުޅަ ދެބައި ގައުމުތަކަކީ ހަތިޔާރު އެޅި ހަމަނެޖުހުންތަކުގައި ބައިވެރިވާ ނުވަތަ އެފަދަ ހަމަނުޖެހުންތައް ކުރިއަށްދާ ގައުމުތަކެވެ. އެހެންވެ، އެގައުމުތަކަށް ބޭރުގެ އިންވެސްޓްމަންޓުތައް ލިބުން ދަތިވެ، އެކްސްޕޯޓު ދަށްވުމުގެ ސަބަބުން އިގްތިސާދަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ގުދުރަތީ ކާރިސާތަކުގެ ސަބަބުން ވެސް ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެގޮތުން 2011 އާއި 2023 އާ ދެމެދު، ގުދުރަތީ ކާރިސާތަކުގެ ސަބަބުން އަހަރަކަށް ލިބުނު ގެއްލުން ޖީޑީޕީގެ ދެ ޕަސެންޓަށް އަރާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އަދި އެއީ މެދުފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކުގެ ތެރެއިން އެންމެ ދަށް އާމްދަނީއެއް ލިބޭ ގައުމުތަކާ އަޅައި ބަލައިއިރު ވެސް އެވަރެޖުކޮށް ފަސް ގުނަ ދަށް އަދަދެއް ކަމަށް ބޭންކުން ފާހަގަކުރިއެވެ.
ވޯލްޑް ބޭންކުން ވަނީ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެހީ ހޯދުމުގެ އިތުުރުން އެގައުމުތަކުން އަމިއްލައަށް ވެސް މަަސައްކަތްތައް ކުރުމަށް ލަފާދީފައެވެ. އޭގެ ތެރޭގައި ޓެކްސް ރެޖިސްޓްރޭޝަނާއި އެކަމާ ގުޅުންހުރި އިދާރީ ކަންތައްތައް ފަސޭހަކޮށް، ދައުލަތަށް ލިބެން ޖެހޭ ޓެކްސް ހޯދުން ހިމެނެއެވެ. އަދި ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަށް ވެސް އެ ބޭންކުން ލަފާދީފައިވެއެވެ.