ނިއު ޒީލޭންޑުގެ އިގްތިސާދު ދަށްވުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ގައުމު ދޫކޮށް ދަނީ

ނިއުޒީލެންޑްގެ ސެންޓްރަލް ބިޒްނަސް ޑިސްޓްރިކްޓް ވެލިންޓަން. ފޮޓޯ/ރޮއިޓާސް

ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ، އިންޓަރެސްޓް ރޭޓް މަތިވެ، އިގްތިސާދު ދަށްވުމުގެ ސަބަބުން ނިއު ޒީލެންޑުން ރެކޯޑު އަދަދަކަށް މީހުން ގައުމު ދޫކޮށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ނިއު ޒީލެންޑުން އަންގާރަ ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ގައުމުން 131،200 މީހުން ބޭރުވެފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން ހިޖުރަ ކޮށްފައި ވަނީ އޮސްޓްރޭލިއާއަށެވެ.

ނިއު ޒީލޭންޑަށް ހިޖުރަކުރާ މީހުންގެ އަދަދުވެސް އިގްތިސާދީ ގޮންޖެހުންތަކާހެދި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އިގްތިސާދީ މާހިރުން ހާމަކުރެއެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ގައުމު ދޫކޮށް ދިޔަ މީހުންގެ ތެރެއިން 80،174 މީހުންނަކީ ނިއު ޒީލޭންޑުގެ ރައްޔިތުންނެވެ. އެ އަދަދަކީ ކޯވިޑުގެ ބަލިމަކަމުގެ ތެރޭގައި އެ ގައުމު ދޫކޮށްދިޔަ މީހުންގެ ގާތްގަޑަކަށް ދެ ގުނަ ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 ގެ ދުވަސްވަރު، އޭރުގެ ސަރުކާރުން އެކަށައެޅި ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުން އެ ދުވަސްވަރު ގިނަ އަދަދެއްގެ ބަޔަކު ނިއު ޒީލޭންޑަށް އެބުރި ދިޔައެވެ. ނަމަވެސް އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި 5.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއު ޒީލޭންޑުގެ ދިރިއުޅުގެ އަގު ބޮޑުވުމާއި، ވަޒީފާގެ ފުރުސަތުތައް މަދުވުންފަދަ އެތައް އިގްތިސާދީ ގޮންޖެހުންތަކާހެދި އެ ގައުމުގެ ގިނަ ބަޔަކު އަންނަނީ އޮސްޓްރޭލިއާ، އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް ހިޖުރަކުރަމުންނެވެ.

ނަވާރަ ސަތޭކަ ނުވަ ދިހަ ނުވަ ވަނަ އަހަރު ރަސްމީ ކޭޝް ރޭޓް 521 ބޭސިސް ޕޮއިންޓަށް މަތިކުރުމުގެ ސަބަބުން ނިއު ޒީލޭންޑުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށްވާން ފަށައިފައެވެ.

މީގެ އިތުރުން އޮސްޓްރޭލިއާ އިން ނަރުހުން، ޕޮލިސިން އަދި ޓީޗިން ފަދަ ދާއިރާތަކުން ޕެކޭޖްތަކާއެކު މީހުން ހޯދަމުން އަންނައިރު، ނިއު ޒީލޭންޑުގެ ރައްޔިތުން އޮސްޓްރޭލިއާގައި މަސައްކަތް ކުރަން ވިސާ ބޭނުން ނުވާތީ، އެ މަސައްކަތްތަކަށް ނިއު ޒީލޭންޑުގެ ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރެއެވެ.

comment ކޮމެންޓް